ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހަޅަނީ


  • ވެންޓިލޭޓަރުގެ މައްސަލާގައި ދަޢުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

  • އެފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށް ވިދާޅުވި

ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދިވެހި ދައުލަތަށް ހޯދަންޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ކޯވިޑް-19އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020 ގައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ޤާއިމްކުރި އެއްބަސްވުމާއި އެއްގޮތަށް ވެންޓިލޭޓަރުތައް ފޯރުކޮށްދީފައެއް ނުވެއެވެ.

މި މައްސަލައިގައި ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32 މިލިޔަން ރުފިޔާ ދައްކަން ޖެހޭކަމަށް އާބިޓްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގެ އާބިޓްރޭޝަން ކުރިއަށްދިޔައިރު އެކުންފުނީގެ ހަބަރެއްނުވާކަމަށާއި އަދި އެއްވެސް ބަޔާނެއްވެސް ހުށަހަޅާފައި ނުވާކަމަށެވެ. އަދި އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އުޝާމް ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި ދަޢުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެފައިސާ ހޯދުމަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ.

"ވެންޓިލޭޓަރުތައް ނުލިބުނުތާނގަ އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ދައުލަތުން ބައިވަރު ޚަރަދުތަކެއް ކުރަންޖެހިފަ މިއޮތީ. އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ ސަރުކާރުން. އޭގެތެރޭން ފަހު ދެތިން ހިޔަރިން އެއް ކުރިއަށް ދިޔައީ މިސަރުކާރުގެ ތެރޭގަ. އެހެންވީމަ އަޅުގަނޑުމެންނަށް އޭގެ އެންފޯސްމަންޓަށް ދާންޖެހިފަ މިއޮތީ" ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ހޯދުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ސަރުކާރަށް ލިބުނީ އެންމެ 15 ވެންޓިލޭޓަރުނަމަވެސް އެއީ ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށްވުމުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އަދި ބާކީ ވެންޓިލޭޓަރުތައް ހަވާލު ނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ.

މި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައި ކަމަށެވެ. އަދި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ކުންފުންޏާއި ގުޅޭ އެއްވެސް ތަފްސީލެއް ހޯދުމެއް ނެތި، އަދި ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯވެސް ނުބަލާކަމަށެވެ.