ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ހުރި ފުރުޞަތުތައް ފަހިކޮށްދިނުން ވަރަށް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އައިޝަތު އަފްރީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން، އައިޝަތު އަފްރީން މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އެސްއެމްއީ ޑިވެލޮޕްމަންޓް ބޭންކު، އެސްޑީއެފްސީ ގުޅިގެން ބޭއްވި "ހިޔަލަ ފޯރަމް 2024" ފައްޓަވައި ދެއްވައި ދެއްކެވި ވާހަކައިގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން، އައިޝަތު އަފްރީންވަނީ މި އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ ޝިޢާރު ކަމަށްވާ "ކުރިއެރުމުގެ ދުވެލި ހަލުވިކުރުމަށް އަންހެނުންނަށްޓަކައި ވުނަކުރުން" ނުވަތަ "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް" އާ އެއްގޮތަށް އަންހެނުން ކުރިއެރުވުމަށްޓަކައި ސަރުކާރުން އިސްނަންގަވައިގެން ތަރައްޤީގެ އެކި މަސައްކަތްތައް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ.
އެގޮތުން އަންހެން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ޚާއްޞަ ލޯނުތަކާއި ތަފާތު އެކި ދާއިރާތަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީއާއި އެސްޑީއެފްސީން ވިޔަފާރީގެ މައިދާނުގައި އަންހެނުން ބާރުވެރި ކުރުވުމަށް ފަންނީގޮތުންނާއި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައްވެސް އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.
"މި ފޯރަމްގެ ސަބަބުން ބަވަނަވެފައިވާ ދުނިޔެއެއްގައި އަދުގެ މުޖުތަމަޢުގައި އަންހެނުންނަށް ދިމާވާ ތަފާތު އެކި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެވޭނެ. އަދި އެކަންކަން ހައްލު ކޮށްދިނުމަށް ސަރުކާރާއި އާންމު ފަރުދުންގެ ފެންވަރުގައި ކުރެވޭނެ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވިގެންދާނެ" އައިޝަތު އަފްރީން ވިދާޅުވިއެވެ.
އެކަމަނާ ވަނީ، ރާއްޖޭގައި މަތީ ސާނަވީ އަދި މަތީ ތަޢުލީމް ހާސިލްކުރާ އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައި ވީނަމަވެސް، އޭގެތެރެއިން ވަޒީފާއާއި ވިޔަފާރީގެ ދާއިރާއަށް ނުކުންނަ ކުދިންގެ އަދަދު މަދުކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ފޯރަމްތަކުގެ ސަބަބުން މިކަންކަން ދިމާވާން މެދުވެރިވާ ސަބަބުތަކާއި އެކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް ފާހަގަކުރެވިގެން ދާނެކަން ފާހަގަކުރައްވާފައެވެ.
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އަންހެނުން ބައިވެރިވި މި ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުން ވާހަކަދައްކަވާފައިވަނީ، ތަޢުލީމީ ދާއިރާއިން ޤައުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެއް ކަމަށްވާ ޑރ.އާމާލް ޢަލީއެވެ.
މި ފޯރަމްގައި ޑރ.އާމާލް ދެއްކެވި ވާހައިގައިވަނީ ޢާއިލާ ބިނާ ކުރުމާއި މުޖުތަމަޢުގެ އެކި ކަންކަމުގައި އަންހެނުން ކުރާ މަސައްކަތުގައި ފިރިހެނުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި އަންހެނުންނަކީ މުޖުތަމަޢު ބިނާކުރުމުގައި އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ބައެއްކަންވެސް އާމާލް ވަނީ ފާހަގަކުރައްވާފައެވެ.
މި ފޯރަމްގައި ބައިވެރިވި ފަރާތްތަކުން ވަނީ، މުޖުތަމަޢުގައި ހުރި ސަޤާފީ އަދި އިޖުތިމާއީ ބައެއް ކަންކަމާއި ބައެއް ފަހަރު މުޖުތަމަޢުން ކަންކަން ބަލައިގަންނަ ގޮތުގެ ސަބަބުން އަންހެނުންނަށް ކުރިއަށް ދިއުމަށް ހުރަސް އެޅޭކަން ފާހަގަކޮށްފައެވެ. އަދި އަންހެނުން ބާރުވެރިކޮށް ކުރިއަށް ދާނެ މަގު ދައްކައި ދިނުމަށްޓަކައި، ތަޢުލީމީ ނިޒާމުގެ ބައެއް ކަންކަން ރަނގަޅު ކޮށްލަން ޖެހޭކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.
ބީސީސީ އާއި އެސްޑީއެފްސީން ކުރިއަށްގެންދިޔަ ހިޔަލަ ފޯރަމަކީ އަންހެނުން މާލީގޮތުން ބާރުވެރި ކުރުމަށް ހުރި ގޮންޖެހުންތަކާއި އެކަންކަމުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ދެނެގަނެ އެކަންކަމަށް އެންމެ އެދެވޭ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށްޓަކައި ކުރިއަށް ގެންދިޔަ ފޯރަމެކެވެ.