ޚަބަރު

ޣައްޒާގެ އުތުރަށް ކާބޯތަކެތި ގެންދެވޭނެ ގޮތެއް ނެތް: އދ


ފަލަސްޠީނުގެ ޣައްޒާގެ އުތުރުގެ ރަށްތަކުގައި ހާލުގައި ޖެހިފައިވާ އެތަކެއް ސަތޭކަ ހާސް މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ގޮތެއް ނެތް ކަމުގައި އދގެ ކާބޯތަކެއްޗާ ބެހޭ އިދާރާއިން ހާމަ ކޮށްފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން ޣައްޒާގެ އުތުރުގެ ރަށްތަކަށް ކާބޯތަކެތި ފޯރު ކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ.

ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމް (ޑަބްލިޔުއެފްޕީ)ން ބުނީ, ފެބުރުވަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އުތުރުގެ ރަށްތަކަށް ކާބޯތަކެތި ގެންދިޔުމަށް ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓިފައިވާ ކަމުގައެވެ. އަދި, އެ މަސައްކަތް އަލުން ފެށުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމުގައެވެ. މި ކަމާ ގުޅިގެން, އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ދަނީ ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންނެވެ.

ޑަބްލިޔުއެފްޕީން ބުނީ, ޣައްޒާއަށް އުތުރަށް ކާބޯތަކެއްޗާއި އެކު 14 ލޮރީ ފޮނުވަން މާޗިރު 5 ވަނަ ދުވަހު މަސައްކަތް ކޮށްފައިވާ ކަމުގައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން އެ އުޅަނދުތަކަށް ހުރަސް އަޅާފައިވާ ކަމަށާއި, ޣައްޒާގެ އުތުރަށް ދަތުރު ކުރުމުގެ ފުރުޞަތު ދީފައިވާ ނުވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.

އެ އިދާރާގެ ޑެޕިޔުޓީ ޑިރެކްޓަރ ކޯލް ސްކައޫ ވިދާޅުވީ, ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތެއް ނެތި, ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ފަލަސްޠީނުގެ ރައްޔިތުން އެ އުޅަނދުތަކުގައި ހުރި 200 ޓަނުގެ ކާބޯތަކެތި ލޫޓުވާފައިވާ ކަމުގައެވެ. "ޣައްޒާގެ އުތުރުގެ ރަށްތަކުގައި ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރު ކޮށްދެވޭނެ ގޮތެއް ނެތް. ނަމަވެސް, އަޅުގަނޑުމެން އަދިވެސް މި ދަނީ އެ ކަން ކުރެވޭނެ ގޮތްތައް ހޯދަމުން،" ސްކައޫ ވިދާޅުވިއެވެ.

ޣައްޒާގެ ރައްޔިތުންގެ ތެރެއިން 576,000 މީހުން ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ ކަމަށާއި, އެ މީހުން ބަނޑަށް މަރުވުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ, އދގެ އިންސާނީ އެހީއާ ބެހޭ އިދާރާއިން ދާދި ފަހުން ވަނީ އިންޒާރު ކޮށްފައެވެ. ހުސްވި ހަފުތާގައި ޣައްޒާގެ އުތުރަށް ދަތުރު ކުރި އެހީގެ އުޅަނދެއް ކައިރިއަށް ޖަމާވި ފަލަސްޠީނުގެ ޢާންމު ރައްޔިތުންނަށް ޙަމަލާދީ, ޔަހޫދީ ފައުޖުން ވަނީ އޭގެ ތެރެއިން 118 މީހުން ޝަހީދު ކޮށްލާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 30,631އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިން ކަމުގައި އެމެރިކާއިން ބުނެފައިވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 72,043އަށް އުފުލިފައެވެ.