ކުޅިވަރު

އިންޓަރ އޮފީސް ބިލިއާޑް މުބާރާތް: ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މި ފަހަރުވެސް ދުންޔާޒަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އެމްއައިބީ 11 ވަނަ އިންޓަރ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ތިންވަނަ ފަހަރަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުޙައްމަދު ދުންޔާޒް ހޯދައިފިއެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ދުންޔާޒް ހޯދީ ފައިނަލުގައި އެމްޕީއެލްގެ ހަސަން ޝާޒް މުޙައްމަދު ބަލިކޮށްގެންނެވެ. ފޯރިގަދަ މި މުބާރާތުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރްސީ) ގެ އާމިނަތު ހަލީމެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސީއާރްސީގެ އައިޝަތު ހިންދު ހުސެއިން ބަލިކޮށްގެންނެވެ.

މީގެ އިތުރުން ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޝިފާއު އަބްދުﷲ އެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިބްރާހީމް ދާއޫސް ބަލިކޮށްގެންނެވެ.

މުބާރާތުގެ އެންމެ ފޯރިގަދަ އިވެންޓް ކަމަށްވާ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްއެވެ. ދެވަނަ ސްޓެލްކޯ ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސްއެވެ. އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސީއާރްސީން ހޯދިއިރު، ރަނަރަޕްކަން ހޯދީ ރައީސް އޮފީހެވެ. އަދި ތިންވަނަ ހޯދާފައިވަނީ ބީއެމްއެލްއެވެ.