ޚަބަރު

"ސަރުކާރުގެ މަޝްރޫޢުތަކާއެކު މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް އަންނާނެ"


  • މެރިޓައިމް ކޮންފަރެންސް ކުރިއަށްދަނީ ވިލާ ނޯޓިކާގައި

  • ބައިނަލްއަޤްވާމީ ގިނަ ފަރާތްތައް މިކޮންފަރެންސްގައި ބައިވެރިވޭ

  • މީއީ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް މުހިންމު ބައްދަލުވުމެއް

މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް މިއަދުގެ ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކަކީ މެރިޓައިމް ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެންނާނެ މަޝްރޫޢުތަކެއް ކަމަށް އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް މިހެން ވިދާޅުވީ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެއްދުވަހުގެ މުއްދަތަށް ވިލާ ނޯޓިކާ ރިސޯޓްގައި ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޑެޓު، އެމް.ޕީ.އެލްއިން ބާއްވާ ކޮންފަރެންސެކެވެ.
މިކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމް ވިދާޅުވީ މި ކޮންފަރެންސަކީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި މުހިންމު ބައްދަލުވުމެއް ކަމަށެވެ.

"މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ވަގުތެއް. ދޭސީ އަދި ބިދޭސީ ސްޓޭކް ހޯލްޑަރުން އެއް ތަނަކުން ބައްދަލުވެ، އަޅުގަނޑުމެންގެ މެރިޓައިމް ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތަކާއި، މި ދާއިރާގެ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކައި، މި ދާއިރާގެ މުސްތަޤްބަލް ބައްޓަންކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ،" ވަޖީހް ވިދާޅުވިއެވެ.

ވަޖީހް ވިދާޅުވީ ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދު ކުރިއެރުވުމަކީ މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދޭ ކަމެއް ކަމަށެވެ. އަދި މެރިޓައިމްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މަޝްރޫޢުތަކާއިއެކު، މެރިޓައިމް ދާއިރާއަށް "އިންޤިލާބީ ބަދަލެއް" އަންނާނެ ކަމަށް ވަޖީހް ވިދާޅުވިއެވެ.

"މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމާއި، ޓްރާންޝިޕްމަންޓް ޕޯޓަކާއެކު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅު ޕޯޓް ފެސިލިޓީ އަދި ލ.ގާދޫގައި ބަންކަރިންގ ޚިދުމަތްތައް ފެށުމަކީ ދިވެހިރާއްޖޭގެ (މެރިޓައިމް ދާއިރާއަށް) އިންޤިލާބީ ބަދަލުތަކެއް ގެންނާނެ ޕްރޮޖެކްޓްތައް،" ވަޖީހް ވިދާޅުވިއެވެ.

މި ކޮންފަރެންސް ބާއްވަނީ އިންޓަނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.

އެމްޕީއެލްއިން ވިދާޅުވީ، މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކް ހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުންކަމަށެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެކަމަށެވެ.

މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.