ރާއްޖެއާއި ލަންކާއާ ދެމެދު ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ރާއްޖެ ވަޑައިގެން އުޅުއްވާ ލަންކާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޕްރެމިތާ ބަންޑާރަ ޓެންނަކޫންއާއެކު ދިފާޢީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫން މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
ދިފާއީ ވުޒާރާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދިފާޢީ ވަޒީރު މުހައްމަދު ޣައްޞާން މައުމޫން ވަނީ ލަންކާގެ ސްޓޭޓް މިނިސްޓަރާއެކު ދިފާއީ ދާއިރާގެ އެކި ކަންކަމާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ. މިގޮތުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމާއި ގުޅޭ ކަންކަން ހިމެނެއެވެ. މީގެއިތުރުން ރާއްޖެއާއި ލަންކާއިން އިތުރު ދާއިރާތަކުން ދިފާއީ ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
ލަންކާއާއެކު ދިފާއީ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާތައް ބާއްވާފައިވާއިރު، ރާއްޖެއިން ދަނީ އެކި ޤައުމުތަކާއެކު ދިފާއީ ގުޅުންތައް ވަރުގަދަކޮށް، ބަދަހިކުރަމުންނެވެ. މިގޮތުން ޗައިނާއާއެކު ދިފާއީ ދާއީރާއިން އެހީތެރިކަން ހޯދުމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. އަދި ދިވެހި އަސްކަރިއްޔާއަށް ޒަމާނީ ވަސީލަތްތައް ހޯދައި، އަސްކަރިއްޔާގެ ޤާބިލްކަން އިތުރުކޮށް، ކުރިއެރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.