ޚަބަރު

ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ކަނޑުއޮޅިން ދަތުރުކުރާނަމަ ލައިސަންސް ހިފަހައްޓާނެ: ޓްރާންސްޕޯޓް


  • ކަނޑުއޮޅި ބަންދުކުރީ ދަތުރު ކުރުމަށް ރައްކާތެރިކަމަކަށް ނުވާތީ

  • ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެ

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދަތުރު ފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަަތަށް ބަންދުކޮށްފައިވާ މާލެ- ވިލިމާލެ އަދި ވިލިމާލެ- ގުޅިފަޅު ދެމެދުގައިވާ ކަނޑުއޮޅިން، ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ ތަކުރާރުކޮށް މަނާކޮށްފައިވާ ކަމެއްކަމަށެވެ. ބަމަވެސް އެ ދެ ކަނޑުއޮޅިން އަދިވެސް އުޅަނދުފަހަރު ދަތުރުކުރަމުން ގެންދާކަން ފާހަގަކުރެއްވިފައިވާކަމަށާއި، ވަކިން ހާއްސަކޮށް ރިޒޯޓްތަކުގެ ސްޕީޑުބޯޓުފަހަރު މިދެ ކަނޑުއޮޅި ބޭނުންކުރަމުން ގެންދާކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ވުޒާރާއިން ވިދާޅުވީ މިދެ ކަނޑުއޮޅީގައި މާލެ- ތިލަފުށި ލިންކު މަޝްރޫއުއާ ގުޅޭ ގިނަ މަސައްކަތްތަކެއް ކުރިއަށްދާއިރު މި ދެ ކަނޑުއޮޅި ބޭނުންކުރާ އާއްމު އުޅަނދުތަކަށް ނުރައްކާތެރި ހާދިސާއެއް ދިމާވުމަކީ އެކަށީގެންވާކަމެކެވެ.

އެހެންކަމުން މިދެ ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކާމެދު ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ދެ ކަނޑުއޮޅިން ދަތުރުފަތުރުކުރާ ފަރާތްތަކުގެ ލައިސަންސް ހިފަހައްޓާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.