ޚަބަރު

ރޯދަމަހު ކަރަންޓާއި ފެން ބިލް ބޮޑެއް ނުވާނެ: ރައީސް


  • ރޯދަމަހު ބިލުތައް ބޮޑުވާ މައްސަލައަކީ އާއްމުންގެ ބޮޑު ޝަކުވާއެއް

  • ކުންފުނިތަކުން މިކަމުގައި އެއްބާރުލުންދޭނެކަމުގެ ޔަގީން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވި

އާއްމުގޮތެއްގައި ގޭބީސީތަކުގެ ކަރަންޓާއި ފެން ބިލަށް އަރާވަރަށްވުރެ ބިލުތައް ބޮޑުނުވާނެގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބ.އަތޮޅުގެ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ރަމަޞާންމަހު ރައްޔިތުންނަށް ވިހާވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވުމަށްކަމަށެވެ. އެގޮތުން އާއްމުކޮށް ރަމަޞާންމަހު ބައެއް ބިލުތައް ބޮޑުވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގޮތްތަކެއް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބިލުތައް ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެނަކައާއި ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީއިން އެކަމުގައި ސަރުކާރުން އެދުނުގޮތަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްފައިވާކަމަށެެވެ.

"ކުންފުނިތަކުން ވަނީ ޔަގީންކަން ދީފައި، ކިތަންމެ ލޯޑު ބޮޑުވިނަމަވެސް، އާއްމު ރޭޓުގައި ބިއްލަތައް ހިފަހައްޓަނެކަމަށް. ކުންފުނިތަކުގެ އެމްޑީން ވަނީ އެ ޔަގީންކަން ދެއްވާފައި. އާއްމު މަސްތަކުގައި ޔުޓިލިޓީ ބިލްތައް ހުންނަ ކެޕްގައި ބިލަށް އަރާނީ."ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްޓެލްކޯއިން އަތޮޅުތަކުގައި ފެނާއި ނަރުދަމާ ނިޒާމު ހިންގުމަށް ގޭބިސީތަކުން ނަގަމުންދާ 30 ރުފިޔާގެ ފީ ވެސް އުވާލައްވާނެކަމަށެވެ.

ރޯދަމަހު ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ގޭބީސީއަކަށް 10 ކިލޯ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރެއްވުމަށް ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފުށާއި ހަނޑުލުގެ ޝިޕްމަންޓްތައް ރާއްޖެ ލިބި، ކައުންސިލްތަކުން އެ ތަކެތި ބެހުމުގެ މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި މިއީ މި އެހީ ބެހުމުގައި ފަޤީރުންނާއި ނިކަމެތިންނަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.