ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިލްޓަންގެ ރިސޯޓްތަކުން ފުރުޞަތުތައް ހޯދައިދެނީ


  • މި އެއްބަސްވުމުގެ ދަށުން ތަފާތު ހުނަރުތައް ދަސްކޮށްދޭނެ

  • މަސައްކަތުގެ މައިދާނަށް ނިކުތުމަށް ބޭނުންވާ ތަޖުރިބާ ލިބިގެންދާނެ

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް އިޖުތިމާޢީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި އިޖުތިމާޢީ އަދި އާޢިލީ ތަރައްޤީއާބެހޭ ވުޒާރާއިން ރާއްޖޭގައި ހިންގާ ހިލްޓަންގެ ރިސޯޓްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޢާމްދަނީ ލިބޭނެ މަސައްކަތެއް ނުވަތަ ވަޒީފާގެ ފުރުޞަތަކީ އެންމެ ބޭނުންތެރި އަދި އެކަމަށް ވަރަށް ގިނަ ޢާއިލާތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް އެދެމުންދާ ކަމެއްކަން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އިޖުތިމާޢީ އެކި ދާއިރާތަކުން ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދީ އެފަދަ ފަރާތްތަކުގެ ޝާމިލުކުރުން އިތުރު ކުރުމުގެ މަޤުޞަދުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓަކާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން ސޮއިކޮށްފައިވަނީ ވަލްޑަރފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށްޓާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ހިލްޓަން މޯލްޑިވްސް ރިސޯޓްސް އެންޑް ސްޕާ އާއެކުއެވެ..

އެ ވުޒާރާއިން ވިދާޅުވީ އެ ފަހުމްނާމާ ވެގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރު ކުރުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަގުހުރި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްތައް މެދުވެރިކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތުތަކާއި، މަސައްކަތުގެ މައިދާނަށް ނިކުތުމަށް ބޭނުންވާ ތަޖުރިބާ ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް އިތުރުކޮށް، މިސިނާއަތަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލްކުރެވިގެންދާ ސިނާއަތަށް ވެގެންދިއުމަށް މަގުފަހިވެގެން ދާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.

މި ފަހުމްނާމާގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އަދި ހިލްޓަން ރިސޯޓްސްގެ ވައިސް ޕްރެޒިޑެންޓް އެންޑް ރީޖަނަލް ހެޑް އޮފް ހިލްޓަން ސައުތު އީސްޓް އޭޝިއާ، އެލެކްޒެންޑްރާ މުރޭ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހިލްޓަންގެ ދިވެހިރާއްޖޭގައި ހިންގާ 3 ރިސޯޓުގެ ޖެނަރަލް މެނޭޖަރުން ބައިވެރިވެވަޑައިގެންފައެވެ...