މާލެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާމެދު ޤާނޫނާއި އެއްގޮތަށް ފިޔަވަޅު އަޅަމުންގެންދާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކުގެ އިތުރަށް ޕަބްލިކް ޓްރާންސްޕޯޓާއި އިމަޖެންސީގައި ދުއްވާ އުޅަނދުތަކަށް ދަތިވާގޮތަށް ގަވައިދާ ޚިލާފަށް އުޅަނދު ޕާކުކުރަމުންދާ މައްސަލަ ފާހަގަވެފައިވާކަމަށެވެ. އެހެންކަމުން ފުލުހުން ވަނީ މާލޭއާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޕާކިން ޒޯނުގެ ގޮތުގައި ކަނޑައަޅާފައިވާ ތަންތަނުގައި ޕާކުކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ ބައެއް ސަރަޙައްދުތަކުގައި ޤަވައިދާ ޚިލާފަށް ޕާކުކުރޭތޯ ފުލުހުން ޚާއްޞަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާނެކަމަށެވެ. އެގޮތުން ގްރީން ޒޯނާއި ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތަކާއި މަގުތަކާއި ގޯޅިތަކުގެ ކަންމަތިގެ އިތުރުން ސްކޫލުތައް ހިމެނޭ ސަރަހައްދު ބަލަމުންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ. މީގެ އިތުރުން އޮފީސް އިމާރާތްތަކާއި، ހޮސްޕިޓަލްތަކާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ތަންތަނާއި މިސްކިތްތަކާއި އާންމު ގޭބިސީތަކާއި ގަރާޖުތަކުން ވަދެނުކުމެ ހަދާ މީހުންނަށް ދަތިވާހެން ޕާކުކުރުމުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މާލޭ ސަރަހައްދުގައި ޕާކް ކުރާނެ އިތުރު ޖާގަތައް ގާއިމްކުރެވެންދެން ޕާކިން ސްޓިކާ ޖެހުން މަޑުޖައްސާލީ މިދިޔަ ޖެނުއަރީމަހުއެވެ. ނަމަވެސް އޭގެފަހުން މަގުތަކުގެ ދެ ފަރާތުގައިވެސް ގިނަ އުޅަނދުތަކެއް ޕާކުކޮށްފައި ހުރުމުގެ ސަބަބުން އެތައް ބަޔަކަށް އަންނަނީ އެކަމުގެ ދަތިތައް ކުރިމަތިވަމުންނެވެ.