ކުޅިވަރު

"އެންމެ ބޮޑު އަމާޒަކީ 2026 ގެ އޭޝިއަން ގޭމްސްގައި ވާދަކުރާނެ ޓީމެއް ބިނާކުރުން"


ހޭންޑްބޯލް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ 2026 ވަނަ އަހަރު ޖަޕާނުގައި ބާއްވާ އޭޝިއަން ގޭމްސްގައި ވާދަކުރާނެ ގައުމީ ޓީމެއް ބިނާކުރުން ކަމަށް އެސޯސިއޭޝަނުގެ ރައީސް އަޙްމަދު މުޖުތަބާ (މުޖޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުޖުތަބާ ވިދާޅުވީ ކާމިޔާބު ހޯދަން ބޭނުންވާނަމަ މިއަދު މަސައްކަތް ނުފަށައި، މާދަމާ އަތުލަން އުނދަގޫވާނެ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، ދެކުނި އޭޝިއާ ސަރަހައްދު ފަހަނައަޅައި ރާއްޖެ ދާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ދެކުނު އޭޝިއާ ޓީމުތަކުގެ ތަފާތަކީ ތަޖުރިބާ ކަމަށާއި، ބައެއް ގައުމުތަކަކީ 20 ނުވަތަ 22 އަހަރު އެ ކުޅިވަރުގައި ދެމިތިބި ގައުމުތައް ކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ ނިސްބަތުން ބަލާއިރު ރާއްޖެއިން ސަރަހައްދީ ފެންވަރުގައި ތަޖުރިބާ މަދުވުމުގެ އިތުރަށް، މި ވަގުތު ރާއްޖެއަށް މަދުވަނީ ވަސީލަތްތަކުގެ ދަތިކަން ކަމަށެވެ. އަދި ސަކާރުންވެސް ކުޅިވަރުގެ ވަސީލަތްތަކަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުން އެބަހުރި ކަމަށާއި، އެ ބަދަލުތަކާއެކު 2030 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި އޮންނަ އޭޝިއަން ގޭމްސްއަށް ތައްޔާރުވުމަށް އިންޑޯގެ ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.

"
މިއަދު މަސައްކަތް ފަށައިގަތިއްޔާ ނުނީ، އަޅުގަނޑުމެންނަށް މާދަމައެއް އަތެއް ނުވާނެ. މާދަން އަތުލަން ބޭނުން ކަމުގައި ވަންޏާ މިއަދު އަޅުގަނޑުމެން މަސައްކަތް ފައްޓަން ޖެހޭ. އެހެންވީމަ އެ މަސައްކަތް މިހާރު މިދަނީ.
އަޙްމަދު މުޖުތަބާ - ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް

ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ފިރިހެން ޓީމުން މިހާރު އަންނަނީ އިންޓަރނޭޝަނަލް ހޭންބޯލް ފެޑެރޭޝަނުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އައިއެޗްއެފް ޓްރޮފީއަށް ތައްޔާރުވަމުންނެވެ. މި އަހަރު މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ ފިރިހެން ޓީމުތަކަށެވެ. މި މުބާރާތް ބޭއްވުމަށް ތާވަލުކޮށްފަވަނީ އަންނަ މެއި މަހު ނޭޕާލުގައެވެ.

މުޖުތަބާ ވިދާޅުވީ ރާއްޖޭ ޓީމުން މުބާރާތަށް ނުކުންނާނީ ނިސްބަތުން ވަރުގަދަ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކަމަށާއި، އެހެންނަމަވެސް މުބާރާތުގައި ރާއްޖޭގެ އަމާޒަކީ ރަން މެޑަލް ހޯދުން ކަމަށެވެ. މިދިޔަ އަހަރު ކުރިއަށްދިޔަ އައިއެޗްއެފް ޓްރޮފީ މުބާރާތުގަައި ރާއްޖޭގެ 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ އަންހެން ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ.