ޚަބަރު

ގދ. ގަމާ ދިމާ ކަނޑުމަތިން ފެނުނު ޑައިވަރުން ގައްދޫއަށް ގެންގޮސްފި


  • ކަނޑުމަތިން 14 މީހުން ނަގައި ސަލާމަތްކޮށްފައިވޭ

  • މީގެ ތެރޭގައި ހިމެނެނީ 10 ޑައިވަރުންނާއި، 4 އިންސްޓްރަކްޓަރުން ހިމެނޭ

  • މީގެތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުންވެސް ހިމެނޭ

ފުވައްމުލަކުން ގދއަތޮޅަށް ދަތުރުކުރަމުންދިޔަ މެރިން ޕޮލިސް ލޯންޗަކަށް ކަނޑުމަތިން ފެނުނު ޑައިވަރުންތަކެއް ސަލާމަތްކޮށް ގދ.ގައްދޫއަށް ގެންގޮސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މެރިން ޕޮލިސްގެ ލޯންޗެއް މިއަދު ހެނދުނު ފުވައްމުލަކުން ފުރައިގެން ގދ.އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ގދ. ގަމާ ދިމާއިން ކަނޑުމަތިން ޑައިވަރެއް ފެނިގެން ލޯންޗް އެސަރަހައްދަށް ދިޔައިރު 2 ޑައިވަރުން ފެނިފައިވާ ކަމަށެވެ. އަދި މެރިން ޕޮލިސްގެ ލޯންޗް ކައިރި ކުރުމުން އިތުރު ޑައިވަރުންތަކެއްވެސް އޮޔާދާ ކަމުގެ މަޢުލޫމާތު ލިބުނު ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެސަރަހައްދުން ރަޝިޔާގެ 10 ޑައިވަރުންނާއި، 4 އިންސްޓްރަކްޓަރުން މެރިން ޕޮލިސްގެ ލޯންޗުން ނަގައި ސަލާމަތްކޮށްފައިވާކަމަށެވެ. އެމީހުންގެ ތެރޭގައި ދިވެހި 3 އިންސްޓްރަކްޓަރުން ހިމެނެއެވެ.

މިއެންމެންވެސް މެރިން ޕޮލިސްގެ ލޯންޗްގައި ގދ.ގައްދޫއަށް ގެންގޮސް އެމީހުން ޑައިވިންއަށް ދިޔަ ސަފާރީގެ ދޯނި ގެނެސް އެމީހުން ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި މިއެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.