ޤަވާޢިދާ ޚިލާފަށް މާލޭގެ މަގުތަކުގައި ޕާކުކޮށްގެން ޓޯކުރާ ވެހިކަލްތައް ބެހެއްޓުމަށް ބިމެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ. ދަތުރު ފަތުރާ ބެހޭ ވަޒީރު އަމީން ވިދާޅުވީ ޓޯކުރުމުގެ ހުރިހާ މަސައްކަތްތަކަކީ ފުލުހުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެކަނި ބަލައިގެން ނުވާނެކަމަށެވެ. އޭގެ ބަދަލުގައި ވިޔަފާރި އުޞޫލުން ސްކްރެޕް ޔާޑެއް ހިންގާނެ ބަޔަކު ހޯދަން ބޭނުންވާ ހާލަތަށް މިހާރު ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެގޮތުން ޓެކްސީ ލައިނާއި، އޮޓޮމޯބައިލް ޑީލާރސްއަށާއި ސްކްރެޕް ޔާޑެއް ހެދުމަށް ބޭނުންވާ ބިން ހޯދުމަށް އިކޮނޮމިކް ކައުންސިލަށް ހުށައަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިއީ މާލެއަށް ދިމާވެފައިވާ ވެހިކަލް އިތުރުވުމުގެ މައްސަލައަށް ހައްލެއް ހޯއްދެވުމުގެ މަސައްކަތުގެ ދަށުން ކުރައްވަން ނިންމަވާފައިވާ ކަމެއްކަމަށެވެ.
"މިކަމަށްވެސް ޕްލޭނެއް އެބައޮތް. މިދުވަސްވަރަކީ މާލޭގެ ބިންތަކުގެ ޕްލޭން ހަދަމުންދާ ދުވަސްވަރަކަށް ވުމުން އެކަމަށް ބިމެއް ހޯދުމަށް 10 ވަރަކަށް ދުވަހުގެ ތެރޭގައި ހުށައަޅާނަން." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މަގުމަތީގައި ޤަވާއިދާ ޚިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރުމަށްފަހު، އެ އުޅަނދުތަކާއި ހަވާލުވުމަށް އާންމުކޮށް އިޢުލާންކޮށް ވެރިފަރާތުން ނުގެންގޮސް ހުންނަ ވެހިކަލްތައް ޤަވާއިދާއެއްގޮތަށް ނައްތާލުމުގެ މަސައްކަތް ފުލުހުން ކުރަމުންދެއެވެ. އަދި، ޓޯކުރާ އުޅަނދުތަކުގެ ތެރޭގައި އެއްވެސް ތަނެއްގައި ރަޖިސްޓްރީ ނުކޮށް ހުންނަ އުޅަނދުތައްވެސް މީގެކުރިން ފުލުހުން ވަނީ ނައްތާލާފައެވެ.
މާލެއަށް އެތެރެވާ ވެހިކަލްތަކުގެ އަދަދު އިތުރުވުމާއެކު އެކި މަގުތަކުގެ ދެފަރާތުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި އޮންނަ މަންޒަރު ފެނެއެވެ. މިއާއެކު ދުއްވާ މީހުންނަށާއި ހިނގާ އުޅޭ މީހުންނަށްވެސް އެތައް އުނދަގޫތަކާ ކުރިމަތިލާންޖެހެއެވެ.
ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ރާއްޖޭގެ ވެރިރަށް މާލެ ސިޓީއަށެވެ. މާލެ ސިޓީ ކައުންސިލުން ބުނާގޮތުން މާލޭގައި ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތަކީ ޚާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި އޭގެ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާއެކު ފަށްޓަވާފައިވާކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭގެ ވެހިކަލް ލިމިޓާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅުއްވާނެ ކަމަށެވެ.