ޚަބަރު

ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ގދ.ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި


  • އިންކުއަރީ ހިންގައި 27 މައްސަލައެއް ވަނީ ބަލާފައި

  • ކައުންސިލަރުން މަސްއޫލިއްޔަތުތަކުން އެކަހެރި ކުރީ މުސާރަ ނުލިބޭ ގޮތަށް

ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާތީ ގދ. ވާދޫ ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވަގުތީ ގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީ) އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައެވެ. އެއޮތޯރިޓީން މިގޮތަށް ނިންމާފައިވަނީ ވާދޫ ކައުންސިލާ ގުޅޭގޮތުން ހިންގި އިންކުއަރީއަކަށްފަހުއެވެ.

އެލްޖީއޭއިން ވިދާޅުވީ އިންކުއަރީ ހިންގާފައިވަނީ އެ އޮތޯރިޓީގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ވަޒީރު ހުއްދަދެއްވައިގެންނެވެ. އިންކުއަރީއާ ގުޅިގެން ކައުންސިލް މެންބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ރަސްމީ 7 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށާއި މައްސަލައާ ގުޅޭގޮތުން ބަޔާން ނަގައި މައުލޫމާތު ސާފުކޮށްފައިވާނެކަމަށް ވެސް ވިދާޅުވިއެވެ.

ވާދޫ ކައުންސިލާ ގުޅުންހުރި އިންކުއަރީގައި 27 މައްސަލައެއް އެލްޖީއޭއިން ވަނީ ބަލާފައެވެ. މީގެ ތެރޭގައި މާލިއްޔަތު ގަވާއިދާއި ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ބަޖެޓުން ޚަރަދުކުރުމާއި، މާލިއްޔަތު ގަވާއިދާ ޚިލާފަށް ފައިސާ ބަލައިގަތުމާއި، ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުމާއި، އިދާރީ މުވައްޒަފުންގެ ހާޒިރީއާ ގުޅުންހުރި މައްސަލައާއި، ކައުންސިލާ ގުޅޭ މައުލޫމާތު ރަސްމީ ޗެނަލުން ބޭރުން ކައުންސިލްގެ ރައީސް ރައްޔިތުންނަށް ލީކު ކުރުމާއި، ކައުންސިލަރުން މާރާމާރީ ހިންގާ މައްސަލަ އަދި ބޭއަދަބީ ބަހުރުވައިން ޒުވާބުކުރުން ފަދަ މައްސަލަތަކުގެ އިތުރުން ކައުންސިލްގެ ރައީސް ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދެއްކުން ފަދަ މައްސަލަތައް ވެސް ހިމެނެއެވެ.

އިންކުއަރީން ބެލި 27 މައްސަލައާ ގުޅިގެން އެލްޖީއޭއިން ވިދާޅުވީ ވާދޫ ކައުންސިލަރުން މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރައްވާތީ އާއި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި ސުލޫކީ މިންގަނޑާ ޚިލާފަށް އަމަލުތައް ހުރެ، ބައެއް އަމަލުތައް ތަކުރާރުކޮށްފައި ހުރުމުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ވެސް ގެއްލުން ލިބޭނެކަމަށެވެ. އެހެންވެ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ހަސަން އަބްދުﷲ 3 މަސްދުވަހުގެ މުއްދަތަކަށް މަގާމުގެ މަސްއޫލިއްޔަތުން ވަގުތީގޮތުން އެކަހެރި ކުރުމަށް އެލްޖީއޭއިން ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ކައުންސިލް މެންބަރު މުޙައްމަދު ޝިފާޤް 3 މަސް ދުވަހަށް މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާއިރު ކައުންސިލްގެ ނައިބު ރައީސް ޙާޝިރު މުޙައްމަދާއި ކައުންސިލް މެންބަރު ސާރާ މުޙައްމަދު 2 މަސް ދުވަހަށް އަދި މެންބަރު މާރިޔަތު އިބްރާހިމް 1 މަސް ދުވަހަށް ވަނީ މަސްއޫލިއްޔަތުތަކުން ވަގުތީގޮތުން އެކަހެރިކޮށްފައެވެ. ހުރިހާ ކައުންސިލަރުން ވެސް މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ މުސާރައާއި އިނާޔަތް ނުލިބޭ ގޮތަށެވެ.

އިންކުއަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލައި، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާއި ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމަވާފައެވެ.