ޚަބަރު

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބޮޑުބައެއް ޙާޞިލްކޮށްފި


2015 ވަނައަހަރާ ހަމަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ބޮޑުބައެއް ޙާޞިލްކޮށްފިއެވެ.

2014 ވަނައަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅުއްވާފައިވާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި މިހާރު ޢަލުކުރެވެމުންދާ ޤާނޫނުތަކަށް ގެންނަވަންޖެހޭ އިސްލާޙްތަކާއި، ދައުލަތް ހިންގެވުމުގެ ނިޒާމް ހަރުދަނާ ކުރައްވައި، ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރެއްވުމަށް އަލަށް އެކުލަވާލައްވަންޖެހޭ ގިނަ ޤާނޫނުތަކެއް ހިމަނުއްވާފައިވެއެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލައްވާފައިވަނީ ދައުލަތުގެ އިދާރާތަކާއި ޝަރުޢީ ކޯޓުތަކާއި ސަރުކާރުގެ މިނިސްޓްރީތަކާއި އެނޫންވެސް ފަރާތްތަކުގެ މަޝްވަރާއާއެކުއެވެ.

2014 ވަނައަހަރުގެ ތެރޭގައި އިޢުލާނު ކުރެއްވި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވާފައިވާ ކަންތައްތަކުގެ ތެރެއިން ބޮޑުބައެއް މިހާރުވެސް ވަނީ ޙާޞިލް ކުރައްވާފައެވެ. އެގޮތުން 2014 ވަނަ އަހަރާއި 2015 ވަނައަހަރަކީ ސަރުކާރުގެ ފަރާތުން ގިން ބިލްތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައި ފާސްކުރެއްވި އަހަރެކެވެ. އޭގެތެރޭގައި އަލަށް އެކުލަވާލެއްވި ޤާނޫނުލް އުޤޫބާތު ފާސްކުރެއްވުމާއި، ސަރުކާރުގެ އިޤްތިޞާދީ ސިޔާޞަތުގެ ދަށުން ހުށައަޅުއްވައި ފާސްކުރައްވާފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނު ހިމެނެއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 2015 ވަނަ އަހަރުގެ ނިޔަލަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ފާސްކުރެއްވި މުހިންމު ބިލްތަކުގެ ތެރޭގައި ސިއްޙީ ޚިދުމަތްތަކާ ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމުކުރުމާބެހޭ ޤާނޫނާއި، ޓެލެކޮމިޔުނިކޭޝަން ޤާނޫނާއި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނު ފާހަގަކޮށްލެވެއެވެ. ސަރުކާރުން ކުރިއަށްގެންދަވާ ތަރައްޤީގެ މަސައްކަތްތައް އަވަސްކުރެއްވުމަށް މާލިއްޔަތު ޤާނޫނު އިސްލާޙްކުރައްވާފައިވެއެވެ. މީގެ އިތުރުން އިޤްތިޞާދީ ދުވެލި އަވަސްކުރެއްވުމަށް ޓޫރިޒަމް ޤާނޫނަށްވެސް ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން އިސްލާޙް ގެންނަވާފައިވެއެވެ.

މިނިވަން މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ސިވިލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ހިއުމަންރައިޓްސް ކޮމިޝަންގެ ޤާނޫނު އިސްލާޙް ކުރައްވާފައިވެއެވެ. ޝަރުޢީ ދާއިރާއަށް ގެންނަވަންޖެހޭ އިސްލާޙްތައް ގެންނެވުމަށް ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވައިގެން ފަނޑިޔާރުންގެ ޤާނޫނާއި، ކޯޓްތަކުގެ ޤާނޫނަށް އިސްލާޙް ގެންނަވާފައިވެއެވެ. މީގެއިތުރުން ޖިނާއީ ޢަދުލުގެ ނިޒާމާއި މަދަނީ ޢަދުލުގެ ނިޒާމު އިތުރަށް ވަރުގަދަ ކުރެއްވުމަށް ދުސްތޫރީ އިސްލާޙްތައް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގެންނަވާފައިވެއެވެ.

ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ޒުވާނުންނަށް އާމާޒުކޮށްގެން މުޅިން އަލަށް ކުޅިވަރާބެހޭ ޤާނޫނެއް އެކުލަވާލައްވައި ތަންފީޒުކުރައްވަން ފައްޓަވާފައިވާއި، ޒުވާނުންގެ ތަރައްޤީއާބެހޭ ބިލެއް އެކުލަވާލެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނުއްވައިފައިވާ ބިލްތަކުގެ ތެރެއިން ބައެއް ބިލްތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އެކި މަރުހަލާގައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފޮރިން ސަރވިސް ބިލާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓް ނެގުމުގެ ބިލްގެ އިތުރުން އަބުރު ރައްކާތެރިކުރުމުގެ ބިލް ފާހަގަކޮށްލެވެއެވެ.

2018 ވަނަ އަހަރާ ހަމައަށް ކަނޑައަޅުއްވައިފައިވާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އެކުލަވާލެއްވުމުގައި ސަރުކާރުގެ މެނިފެސްޓޯ ތަންފީޒު ކުރެއްވުމަށްޓަކައި ހިމަނަންޖެހޭ ބިލުތަކާއި، ދައުލަތް ހިންގެވުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ހިމަނުންވަންޖެހޭ ބިލުތަކާއި، 2008 ވަނަ އަހަރުގެ ޤާނޫނު އަސާސީ ވުޖޫދަށް އައިސް ޢަމަލުކުރެވެން ފެއްޓެވުމާއެކު، ބައެއް ޤާނޫނުތަކަށް ގެންނަންޖެހި މިހާތަނަށް ނުގެނެވިވާ އިސްލާޙްތައް ގެންނެވުމުގެ ބިލްތަކާއި، އާ ޤާނޫނުއަސާސީއާއި ގުޅިގެން އުވާލަންޖެހޭ ޤާނޫނުތައް އުވާލުމާބެހޭ ބިލްތައް ހިމެނެއެވެ. މީގެއިތުރުން ޝަރުޢީ ކޯޓުތަކުން ނިންމަވާ ދުސްތޫރީ މައްސަލަތަކާ ގުޅިގެން ބަދަލު ގެންނަވަންޖެހޭ ޤާނޫތަކާއި، ރާއްޖެ ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކާ ގުޅިގެން ޤާނޫނަށް ގެންނަވަންޖެހޭ އިސްލާޙްތައް ހިމެނެއެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމަނުއްވައިގެން ދައުލަތް ހިންގެވުމުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ޤާނޫނީގޮތުން ގެންނަވަންޖެހޭ އިސްލާޙްތައް ގެންނެވުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.