މުނިފޫހިފިލުވުން

ގްރޭންޑް ފިނާލޭގައި ވާދަކުރާނެ 3 ބައިވެެރިން އިޢުލާންކުރުން މިރޭ


މޯލްޑިވިއަން އައިޑަލްގެ މިރޭގެ އެލިމިނޭޝަން ޝޯވގައި ގްރޭންޑް ފިނާލޭގައި ވާދަކުރާ 3 ބައިވެރިން ކަނޑައެޅި  2 ބައިވެރިއަކު މުބާރާތުން ވަކިވާނެއެވެ.

މި ޝޯވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

ގަދަ 12 ބައިވެރިންނާއެކު މޯލްޑިވިއަން އައިޑަލްގެ ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، މިހާތަނަށް 7 ބައިވެރިއަކު ވަނީ މި ޝޯވއިން ކަޓާފައެވެ. މިހާރު މި ޝޯވގައި ވާދަކުރާ 5 ބައިވެރިންނަކީ، މުޙައްމަދު އިޝާން، ޢަބްދުﷲ ފާލިޙް އާދަމް، ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހިމް އަދި މުޙައްމަދު ޒަލީފް ޢަބްދުﷲ އެވެ.

img:http://s4.psmnews.mv/images/660x400/14614165785524.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 9 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

ޝޯވގެ ވާދަވެރިކަން ދުވަހެއް ދުވަހަކަށް ގަދަ ވަމުންދާއިރު، ގާލާ ރައުންޑުގެ މިރޭގެ ޝޯވ ވެގެންދާނީ މި މުބާރާތުގައި މިހާރު ވާދަކުރާ ގަދަ 5 ބައިވެރިންނަށްވެސް ވަރަށް މުހިއްމު ޝޯވއަކަށެވެ. އަދި ބައިވެރިންނާއި ބެލުންތެރިންގެވެސް އިޙްސާސްތަކާއި، ޖަޒުބާތުތަކާ ކުޅެލާނެފަދަ މުހިއްމު ނިންމުމެއް ނިންމާނެ ޝޯވއަކަށެވެ. ސަބަބަކީ މިދިޔަ ހަފްތާގެ ޝޯވއިން ޖަޖުންނަށް ލިބިފައިވާ ނޯ އެލިމިނޭޝަން ޕަވަރއާއެކު 5 ބައިވެރިންވެސް ސަލާމަތްވެފައިވާއިރު، މި ހަފްތާގެ ޝޯވއިން 2 ބައިވެރިއަކު ވަކިވެ، މި މުބާރާތުގެ ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ގަދަ 3 ބައިވެރިން ކަނޑައެޅިގެންދާނެތީއެވެ.

މި މުބާރާތް ހަމަޖެހިފައިވާގޮތުން ކުރިއަށް ހުރި ރައުންޑުތަކަށް ދަތުރުކުރާނެ ބައިވެރިން ހޮވުމުގައި ޖަޖުންނާއި އެއްވަރަށް  ބެލުންތެރިންގެވެސް ހިއްސާއެއް ވަރަށް ބޮޑެވެ. އެގޮތުން ބައިވެރިންގެ ޖުމްލަ މާރކްސް ކަނޑައެޅިގެންދަނީ އެ ބައިވެރިއެއްގެ ހުށައެޅުމަކަށް ޖަޖުންދެއްވާ %50 މާކްސްގެ އިތުރުން، ބެލުންތެރިންގެ %50 ވޯޓާއެކުއެވެ. އެސް.އެމް.އެސް މެދުވެރިކޮށް ގާލާ ރައުންޑުގެ ޝޯވތަކަށް ބެލުންތެރިންނަށް ވޯޓުދިނުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

img:http://s4.psmnews.mv/images/660x400/14614165241009.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެ އޮފިޝަލް މިއުޒިކް ބޭންޑް "ޕާމް ޓޯންސް" / ފޮޓޯ: ޕީ.އެސް.އެމް

"ޕާމް ޓޯންސް"ގެ ހިތްގައިމު މިއުޒިކާއެކު މިރޭގެ އެލިމިނޭޝަން ނައިޓުގައިވެސް ބެލުންތެރިންނަށް މޯލްޑިވިއަން އައިޑަލްގެ ގަދަ 5 ވާދަކުރާ ބައިވެރިންގެ ހުށައެޅުންތައް ފެނިގެންދާއިރު، މިރޭގެ ޝޯވއިންވެސް ޚާއްސަ ކަންތައްތަކެއް ފެނިގެންދާނެއެވެ. މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ވިހާވެސް ތަފާތުގޮތަކަށް ގެނެސްދިނުމަށްޓަކައި، އައިޑަލްގެ ޓީމުން ބުރަ މަސައްކަތްތަކެއް ކުރަމުންދާއިރު، މި ޝޯވއަށް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ގިނަ ބައެއްގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބަކާއި އެހީތެރިކަމެއް ލިބެމުންދާކަން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަދި އައިޑަލްގެ ޕްރޮޖެކްޓް ހެޑް، އާމިނަތު ޝާޔަން ޝާހިދު ފާހަގަކުރެއްވިއެވެ. ޝާޔަން ވިދާޅުވީ، ފްރެމެންޓަލް މީޑިއާގެ ފަރާތުންވެސް މި ޝޯވ ވަރަށް ބޮޑަށް ބަލައިގެންފައިވާކަމަށާއި، ޝޯވގެ ފެންވަރާއި މެދު އެފަރާތުންވެސް ހިތްހަމަޖެހޭކަމަށެވެ.

މިހަފްތާގެ ޝޯވ ވެގެންދާނީ ގާލާ ރައުންޑުގެ އެންމެ ފަހު ޝޯވއަށެވެ. ގާލާ ރައުންޑުގެ ޝޯވތަކާއެކު ކޮންމެ ހަފްތާއަކުވެސް ބެލުންތެރިނަށް ޚާއްސަ ކަންތައްތަކެއް ފެނިގެންދެއެވެ. ގެސްޓް ޖަޖުންގެ ގޮތުގައި އަދި ޚާއްސަ ހުށައެޅުންތަކުންވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންދާ މަޝްޙޫރު ފަންނާނުންނާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްޙޫރު ފަރާތްތަކުން ވަނީ ގާލާ ރައުންޑުގެ އެކި ޝޯވތަކުގައި ބެލުންތެރިންނަށް ފެނިގެންގޮސްފައެވެ. އެގޮތުން ރޭގެ ޝޯވގައި އެހެން ޝޯވތަކާއި ޚިލާފަށް ބައިވެރިންނަށް 2 ލަވަ ހުށައެޅުމުގެ ފުރުސަތު ދީފައިވާއިރު، ގެސްޓް ޖަޖެއްގެ ގޮތުގައި ރޭ ފެނިފައިވަނީ ރެގޭ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފަރާތެއްކަމަށްވާ ހައިޝަމްއެވެ.

img:http://s1.psmnews.mv/images/660x400/14614165506656.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 9 ވަނަ ޝޯވގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.