ޚަބަރު

އެއަރ އެމްބިއުލާންސްގެ ޚިދުމަތާއެކު ބަލި މީހުން އުފުލުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް


  • މާދަމާ ހިދުމަތް ފަށަން ވަނީ ތައްޔާރުވެފައި

ރާއްޖޭގައި ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކޮށް ބަލި މީހުން އުފުލުމުގެ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނުވާނެ ޚިދުމަތެއްގެ ގޮތުގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި މިހާރުވަނީ މިނިސްޓްރީ އޮފް ހެލްތާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އެގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ހެލްތުން ވިދާޅުވެއެވެ.

މިގޮތުން މިކަމަށް ޚާއްސަ 38 މީހުން އުފުލޭ ވަރުގެ އެއަރކްރާފްޓެއް މިހާރު ގެނެސްފައިވާއިރު، މިބޯޓު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުގެ ޚިދުމަތްދެވޭނެކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ. އެއަރ އެމްބިއުލާންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

ދެމެހެއްޓެނިވި ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، މާލެ ސަރަޙައްދުގައި މިހާރު ޤާއިމުކުރެވިފައިވާ "މޯލްޑިވްސް އިމަރޖެންސީ މެޑިކަލް ސަރވިސްގެ ނިޒާމް"ގެ ތެރެއަށް އެއަރ އެމްބިއުލާންސްގެ ޚިދުމަތް ހިމެނިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު ދުރާލާ ހޮސްޕިޓަލްތަކާއި ގުޅި ޚިދުމަތް އަމާންކަމާއެކު ދެވޭނެ މަގު ފަހިވެގެންދާނެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާއިރު މިވަގުތު ހުއްދަ ލިބިފައި އޮތީ ސްރީލަންކާއަށް ދަތުރުކުރުމަށެވެ. ބަލި މީހުން ގެންދިޔުމަށް ސްރީލަންކާއިން 2 ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެކަމަށް ހެލްތު މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި އިތުރު ޤައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް ސިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. އެގޮތުން ސިއްޙީ ކުއްލި އެހީ ބޭނުންވާ ޙަލާތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ޚިދުމަތް ދިވެހީންނަށް ދެވޭނެ މަގުފަހި ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ. މިއާއެކު މެޑިކަލް އިވެލުއޭޝަންގެ ދާއިރާ ހަރުދަނާވެ، އޭގެ ފައިދާ މުޅި ސިއްޙީ ނިޒާމަށް ކުރާނެކަމަށްވެސް ރައީސް ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.