ޚަބަރު

ކެންޑިޑެސީ ފޯމު ބަލައިނުގަތުމަށް ނިންމީ ޤާނޫނާއި ޚިލާފަށް ކަމަށް ހުކުމްކޮށްފި


  • ޤާނޫނު ބުނާ މިންވަރަށް އިލެކްޝަންސްއިން ލިޔުންތައް ފަރުވާތެރިކަމާއެކު ބަލާފައިނުވާކަމަށް ހުކުމްގައިވޭ

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ކެންޑިޑޭޓެއްގެ ފޯމު، އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެ ކޯޓުން މިގޮތަށް ހުކުމް ކުރީ މަޖިލިސް އިންތިޚާބުގައި ވ. ކެޔޮދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި އާއިޝަތު އަފްނާން އަލީގެ ފޯމު ބަލައިނުގަތުމުން އޭނާ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސްއިން ނިންމީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ.

އިލެކްޝަންސްއިން އޭނާގެ ކެންޑިޑެސީ ގަބޫލު ނުކުރި ސަބަބެއް ކަމަށް ބުނެފައިވަނީ އަފްނާންގެ ރަސްމީ އެޖެންޓުގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ތަފްސީލްތައް ހުށަހަޅާފައިނުވާތީކަމަށެވެ. އެގޮތުން ފެމިލީ ކޯޓުގައި ކުށުގެ ރެކޯޑު ހުރިކަމަށް ބަޔާންކުރި ނަމަވެސް އެކަމުގެ ތަފްސީލު ހުށަހަޅާފައިނުވާކަމަށް އިލެކްޝަނުން ބުނެއެވެ. ނަމަވެސް ފެމިލީ ކޯޓަށް ދައްކަން ޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށްފަހު އިލެކްޝަންސްއަށް ރަސީދު ހުށަހެޅިކަމަށް އަފްނާން ބުނެއެވެ.

ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި މައްސަލައިގެ ހުކުމް އިއްވަވަމުން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަޙާޒު ޢަލީ ވިދާޅުވީ އިލެކްޝަންސް އިން ޝަރީއަތުގެ މަޖިލީހުގައި ދައްކާފައިހުރި ވާހަކަތަކުން އަފްނާންގެ އިންތިޚާބީ އޭޖެންޓް ކޯޓަށް ފައިސާ ދެއްކި ކަމުގެ ރަސީދު އެޓޭޗްކޮށްފައިވާއިރު އެ ލިޔުމާމެދު ޤާނޫނު ބުނާ މިންވަރަށް ކޮމިޝަނުން ފަރުވާތެރިކަމާއެކު ބަލާފައިނުވާ ކަމަށެވެ. އަދި ކަންހިނގާފައިވާ ގޮތުން އަފްނާންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސްއިން ނިންމީ ޤާނޫނާއި އެއްގޮތަށްކަމަށް ނުބެލެވޭކަމަށް ވަނީ ހުކުމްކޮށްފައެވެ.