ޚަބަރު

ޤައުމީ އެއަރލައިނުން އޭޕްރީލްމަހު ލަންކާއަށް އަލުން ދަތުރުތައް ފަށަނީ


  • ހަފްތާއަކު 2 ދަތުރު ބާއްވާނެ

  • ޓިކެޓް ބުކްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި

  • ދަތުރު ކުރާނީ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓަށް

ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ސްރީލަންކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

މޯލްޑިވިއަނުން އެންމެ ފަހުން ސްރީލަންކާއަށް ދަތުރުތައް ބާއްވާފައި ވަނީ 2021 ވަނަ އަހަރުއެވެ. އެ ދަތުރުތައް ހުއްޓާލީ އެ ޤައުމުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވުމާއި ގުޅިގެންނެވެ.

މޯލްޑިވިއަނުން ބުނީ ސްރީލަންކާގެ ކޮލަންބޯއަށް އަންނަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ، މި ދަތުރުތަކުގެ ސަބަބުން 2 ގައުމުގެ ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި އެކިއެކި ބޭނުންތަކުގައި ލަންކާއާއި ރާއްޖެއާ ދެމެދު ދަތުރުކުރާ މީހުންނަށް މި ދަތުރުތަކުގެ ސަބަބުން ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޯލްޑިވިއަނުން ވަނީ މި ދަތުރުތަކަށް މިއަދުން ފެށިގެން ޓިކެޓް ބުކް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. ރާއްޖެއާއި ކޮލަންބޯއާ ދެމެދު ހަފްތާއަކު 2 ދަތުރު ކުރާނެކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މި ދަތުރުތައް ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.

މޯލްޑިވިއަނުން މިހާރު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުންދަނީ އިންޑިއާގެ ކޮޗިން، ބެންގަލޫރު، ޑްރިވެންޑްރަމް އަދި ބަންގްލަދޭޝްގެ ޑާކާއަށެވެ.