ޚަބަރު

ދައުލަތުގެ ބޮޑެތި ބައެއް މަޤާމުތަކުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުން ފާސްކޮށްފި


  • އަހަރަކަށް ދައުލަތުގެ ބަޖެޓުން 69.2 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެ

ފަނޑިޔާރުންނާއި ކައުންސިލަރުންނާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުން މިއަދުގެ ޖަލްސާގައި މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖައާކޮށް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ރިޕޯޓު ފާސްކޮށްފައިވަނީ ކޮމިޓީން ނިންމި ގޮތަށް އިތުރު އެއްވެސް ބަދަލެއް ނުގެނެއެވެ.

މަޖިލީހުން މުސާރައާއި އިނާޔަތްތައް މުރާޖައާކުރިއިރު މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސްގެ އިތުރުން ވަޒީރުންގެ މުސާރަ ބޮޑުކުރުމަށްވެސް މަޝްވަރާތައް ކުރިއެވެ. ނަމަވެސް ކޮމިޓީން ހުށަހެޅި ރިޕޯޓުގައި އެ ބޭފުޅުންގެ މުސާރަ ބޮޑުކުރާކަށް ހިމަނުއްވާފައި ނުވެއެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މަޖިލީހުން މުސާރަތަކަށް ގެނައި ބަދަލުތަކާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު 69.2 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެއެވެ.

ފަނޑިޔާރުންގެ މުސާރަތަކަށް ގެނައި ބަދަލުތައް:

-އުއްތަމަ ފަނޑިޔާރުގެ މުސާރަ - 91،000 ރުފިޔާ
-ސުޕްރީމް ކޯޓުގެ ފަނޑިޔާރުން - 89،000 ރުފިޔާ
-ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ - 70،000 ރުފިޔާ
-ހައި ކޯޓު ފަނޑިޔާރުންގެ މުސާރަމ - 68،000 ރުފިޔާ
-ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީންގެ މުސާރަ - 62،000 ރުފިޔާ
ކްރިމިނަލް ކޯޓު، ޑުރަގު ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ - 60،000 ރުފިޔާ
-ދާއިރާގެ އިސް މެޖިސްޓްރޭޓުންގެ މުސާރަ - 43،000 ރުފިޔާ
-މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންގެ މުސާރަ - 41،000 ރުފިޔާ

ކައުންސިލަރުންގެ މުސާރައަށް ގެނައި ބަދަލު:

-މޭޔަރުންގެ މުސާރަ - 46،000 ރުފިޔާ
-ޑެޕިއުޓީ މޭޔަރުންގެ މުސާރަ - 40،500 ރުފިޔާ
-އަތޮޅު ކައުންސިލް ރައީސްގެ މުސާރަ - 33،000 ރުފިޔާ
-ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ މުސާރަ - 35،000 ރުފިޔާ
-ރަށު ކައުންސިލް ރައީސްގެ މުސާރަ - 25،500 ރުފިޔާ
-ރަށު ކައުންސިލް މެންބަރުންގެ މުސާރަ - 18،000 ރުފިޔާ

ބަދަލު ގެނައި އިތުރު ބައެއް މުސާރަތައް:

- އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ - 74،000 ރުފިޔާ
- އޮޑިޓަ ޖެނެރަލްގެ މުސާރަ - 74،000 ރުފިޔާ
-ޕްރޮސެކިއުޓަ ޖެނެރަލްގެ މުސާރަ - 74،000 ރުފިޔާ
-ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ - 74،000 ރުފިޔާ
-އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މުސާރަ - 55،000 ރުފިޔާ
-ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ މުސާރަ - 55،000 ރުފިޔާ
-މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ - 59،000 ރުފިޔާ
-މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ - 55،000 ރުފިޔާ
-މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ - 48،000 ރުފިޔާ

މި ބޭފުޅުންގެ އިތުރުން ޓެކްސް އެޕީލް ޓްރައިބިއުނަލާއި ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ މުސާރަ އާއި މީޑިއާ ކައުންސިލްގެ މެންބަރުންނާއި މީރާ ބޯޑު މެންބަރުންނާއި ޕީސީބީ ބޯޑު މެންބަރުންނާއި ނޭޝަނަލް ޕޭ ކޮމިޝަންގެ ޕާޓް-ޓައިމް މެންބަރުންނާއި ޗިލްޑްރަންސް އޮބްޑްޕަރސަންގެ މުސާރައަށްވެސް މަޖިލީހުން ވަނީ ބަދަލުތައް ގެނެސްފައެވެ.