ޚަބަރު

ދިވެހި ރެޑް ކްރެސެންޓްގެ 8 ވަނަ ޢާއްމު މަޖިލިސް ފަށައިފި


ދިވެހި ރެޑް ކްރެސެންޓްގެ 8 ވަނަ ޢާއްމު މަޖިލިސް ފަށައިފިއެވެ.

މި މަޖިލިސް ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ ރާއްޖޭގައި ދިވެހި ރެޑް ކްރެސެންޓް އުފެދިގެން މިހާ ހިސާބަށް އައި އިރު އެޖަމްޢިއްޔާގެ ޚިދުމަތްތައް ފުޅާކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ސަރުކާރުން ފާހަގަކުރައްވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެޖަމްޢިއްޔާއިން ފޯރުކޮށްދެމުންދާ އިންސާނީ ޚިދުމަތަކީ ދިވެހި ރައްޔިތުން ބަލައިގަނެފައިވާކަމެއްކަމަށެވެ.

ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓްގެ ރައީސް އަލީ ނާޝިދުގެ ވާހަކަފުޅުގައި އެޖަމްޢިއްޔާގެ މަސައްކަތްތައް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި އެޖަމްޢިއްޔާގެ ޚިދުމަތްތައް ފުޅާވެފައިވާކަމަށެވެ. އަދި މިކަމުގައި ސަރުކާރުން ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

މިއަދާއި މާދަމާ ކުރިއަށްދާ މި ޖަލްސާގައި ރެޑް ކްރެސެންޓްގެ އަހަރީ ޕްލޭންއާއި ބަޖެޓް ފާސްކުރުމާއި ބައެއް ކޮމެޓީތައް އިންތިޚާބުކުރެވޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. 2009 ވަނަ އަހަރު ރާއްޖޭގައި ޤާއިމުވި، ދިވެހި ރެޑް ކްރެސެންޓްގެ ގޮފިތައް ރާއްޖޭގެ 10 އަތޮޅެއްގައި ވަނީ ޤާއިމްކޮށްފައެވެ.