ޚަބަރު

މާބުލް ޖެހުމުގެ އަމަލީ މަސައްކަތަށް ތައްޔާރުވާން ފަށައިފި


އިސްލާމީ މަރުކަޒުގެ ގޯތިތެރެއާއި ގޯތިން ބޭރުން މިސްކިތުގެ ބޭނުމަށް ތަރައްޤީކުރައްވާ ސަރަޙައްދުގައި މާބްލް ޖެހުމުގެ ޢަމަލީ މަސައްކަތުގެ ތައްޔާރީތައް މިހާރު ވަނީ ފަށްޓަވާފައެވެ. 

މާބްލް ޖަހަނީ އިސްލާމީ މަރުކަޒުގެ މުޅި ގޯތިތެރެ އާއި ބަންޑާރަކޮށްޓާއި އިސްލާމީ މަރުކަޒާ ދެމެދު އޮންނަ މަގާއި މެދު ޒިޔާރަތްމަގުން މިހާރު ބަންދުކޮށް، އިސްލާމީ މަރުކަޒުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ބިމުގައެވެ. ކުރިއަށް އޮތް ރަމްޝާން މަސް ފެށުމުގެ ކުރިން ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި މާބްލް ޖަހާ ނިންމެވޭތޯ މަސައްކަތް ކުރައްވާނެކަން ހައުސިންގ މިނިސްޓަރ މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.

މާބްލް ޖެހުމުގެ ތައްޔާރީތަކުގެ ތެރެއިން އިސްލާމިކް މަރުކަޒުގެ ގޯތިތެރެއިން ތަޅުގަނޑުތައް ނެންގެވުމުގެ މަސައްކަތް އެމްޓީސީސީން މިހާރުވަނީ ނިންމާފައެވެ. އެމްޓީސީސީން ބުނީ، މޫސުން ތަންދިންހާ އަވަހަކަށް މާބުލް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެސަރަޙައްދުގައި ޖައްސަވަން ގެންނެވި ގިނަ ޢަދަދެއްގެ މާބްލް ވަނީ އެސަރަޙައްދަށް ޖަމާކުރައްވާފައެވެ. އެ ތަނުގައި މާބްލް ޖެހުމަށް ޗައިނާ ސަރުކާރުންވެސް ވަނީ އެއް މިލިއަނަށްވުރެ ގިނަ ޔޫ.އެސް.ޑޮލަރު ހަދިޔާކޮށްފައެވެ. މި ފައިސާ އިން ފަސް ހާސް އަކަފޫޓުގެ ސަރަޙައްދެއްގައި މާބްލްޖެހުމަށް ބޭނުންވާތަކެތި ބައްލަވައިގަތުމަށާއި، މާބްލްސްޖެހުމަށް ޚަރަދުކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މާބްލް ޖެހުމަށް ސަރުކާރުންވެސް ވަނީ ބަޖެޓް ހަމަޖައްސަވައިދެއްވާފައެވެ. 

އިސްލާމީ މަރުކަޒު ބޭރުގައި ނަމާދުކުރެވޭ ޖާގަ ބޮޑުކުރެއްވުމުން އެއްފަހަރާ ފަންސަވީސް ހާސް މީހުންނަށް ނަމާދުކުރެވޭނެއެވެ.