ޚަބަރު

ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުން: ރައީސް


  • ހުޅުމާލެ ހޮސްޕިޓަލުން ދޭ ޚިދުމަތް ރަނގަޅު ކުރަންޖެހޭކަން ފާހަގަކުރެއްވި

  • އިތުރު ހޮސްޕިޓަލެއް އަޅަންޖެހޭކަންވެސް ފާހަގަކުރެއްވި

ހުޅުމާލެއާއި މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހުޅުމާލޭގައި ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ދަތިތަކެއް ހުރިކަން ފާހަގަކޮށް ހުޅުމާލެ، ފްލެޓް ނަންބަރު 51503، މުޙައްމަދު ރިޔާޒް، ވަނީ ހުޅުމާލެ ހޮސްޕިޓަލް ހުރީ ކުރީގައިވެސް އޮތް ހާލަތުގައި ކަމަށާއި ޑޮކްޓަރަށް ދެއްކުމަށް ވެއިޓް ލިސްޓްގައި ގިނަ ދުވަސްވަންދެއް ހޭދަކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސަރަޙައްދުގައި ޞިއްޙީ ނިޒާމް ވަރުގަދަ ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމެއްކަމަށެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުން ދެމުންގެންދާ ޚިދުމަތްތައް ހަރުދަނާ ކުރުމަށްޓަކައި މަސައްކަތްތަކާއި، އެހޮސްޕިޓަލްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުގެ މަސައްކަތްވެސް ފަށްޓަވާފައިވާކަމަށެވެ.

ހުޅުމާލޭގައި މިހާރު ލައްކައެއްހާ މީހުން ދިރިއުޅެމުންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެހާގިނަ މީހުންނަށް ޚިދުމަތް ދޭއިރު ހުޅުމާލެ ހޮސްޕިޓަލްގެ ފެންވަރު ވަރަށް ބޮޑަށް އިތުރުކުރަން ޖެހޭކަމަށެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެ ސަރަޙައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް އެންމެ ރަނގަޅު ފެންވަރުގެ ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

" އިރާދަކުރެއްވިއްޔާ ހުޅުމާލެ ހޮސްޕިޓަލްގައި ހުރި ކަންކަންވެސް ހައްލުވެގެންދާނެ. އެހާ ގިނަ މީހުންނަށް ޚިދުމަތް ދިނުމަށް އިތުރު ހޮސްޕިޓަލެއްވެސް އަޅަން ޖެހޭނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސްވެސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ އެއް މަސައްކަތެވެ. އެމަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމްކުރުމާއި، އެކި ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްސަ ހޮސްޕިޓަލްތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އަދި އެ ޚިދުމަތްތައް ޤާއިމްކުރެވެންދެން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަވަނީ ހަމަޖައްސަވައިދެއްވަމުންނެވެ.