ޚަބަރު

މަޖިލިސް އިންތިޚާބުގައި 9900 އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުން ހަރަކާތްތެރިވާނެ


  • 2،952 އޮބްޒާވަރުން، 5،018 މޮނިޓަރުން އަދި 1،930 މަންދޫބުން ހަރަކާތްތެރިވާނެ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ އިތުރުން މަންދޫބުންގެ ގޮތުގައި 9900 މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކޮންމެ އިންތިޚާބެއްގައި ވެސް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް އޮބްޒާވަރުންނާއި މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލައެވެ. މަޖިލިސް އިންތިޚާބާ ގުޅިގެން ހުޅުވާލި ފުރުސަތުތައް މިހާރު ވަނީ ހަމަވެފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި 2،952 އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި 5،018 މޮނިޓަރުން ހަރަކާތްތެރިވާއިރު ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1930 މީހުން ހަރަކާތްތެރިވާނެ ކަމަށެވެ.

މިއީ ހުސް ދިވެހިންކަން ފާހަގަކުރައްވައި ހަބީބު ވިދާޅުވީ އިންތިޚާބުތަކުގެ ވޯޓުލުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގަނީ މިނިވަންކަމާއި، އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ދެ ފުށް ފެންނަ ގޮތަށްތޯ ކަށަވަރު ކުރުމުގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.

ދިވެހި އޮބްޒާވަރުންގެ އިތުރުން ބޭރުގެ އޮބްޒާވަރުން ވެސް މި އިންތިޚާބުގައި ހަރަކާތްތެރިވާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ބޭރުގެ އެކި ފަރާތްތަކަށް ވެސް އެފުރުސަތު ހުޅުވާލާފައެވެ.

އިންތިޚާބުތަކުގައި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އިންތިޚާބުގެ ކަންކަން ކުރިއަށްދާގޮތް ބެލުމަށް ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވުމަށް ރަޖިސްޓްރީ ކުރާ ފަރާތްތަކެވެ. އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އިލެކްޝަންސްއިން ހުއްދަ ދޫކުރާ ފަރާތްތަކެވެ.

މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާ ހުރިހާ އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާއިރު އިލެކްޝަންސް ކޮމިޝަންގެ ގަވާއިދުތަކާއެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ.

މަޖިލިސް އިންތިޚާބު އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު އެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެ ކޮމިޝަނުން މިހާރު ދަނީ އޮފިޝަލުން ތަމްރީން ކުރަމުންނެވެ. އެގޮތުން މިހާތަނަށް މާލެ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ޅ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅު ފިޔަވައި އެހެން ހުރިހާ ސިޓީތަކާއި އަތޮޅުތަކުގައި މިހާރު ވަނީ އޮފިޝަލުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފަށާފައެވެ. މި އިންތިޚާބުގައި 6000 އެއްހާ އޮފިޝަލުން ބޭނުންވާއިރު އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.