ޚަބަރު

ވެންޓިލޭޓަރު މައްސަލަ؛ 2.1 މިލިއަން ޑޮލަރު ދިނުމަށް އާބިޓްރޭޝަނުން އަންގައިފި


  • ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓަރސް ކުންފުންޏަށް 34 މިލިއަން ރުފިޔާ ކުރީ ސަރުކާރުން ދިން

  • އާބިޓްރޭޝަނަށް ކުރި ޚަރަދު ވެސް ސަރުކާރަށް ދައްކަން ވަނީ އަންގާފައި

ކޯވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ހޯދުމަށް ހެލްތު މިނިސްޓްރީ އާއި ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފުވެފައިވާތީ ދިވެހި ސަރުކާރަށް 2.1 މިލިއަން ޑޮލަރު ދައްކަން ޖެހޭކަމަށް މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަނުން ކަނޑައަޅައިފިއެވެ.

އާބިޓްރޭޝަނުން މިގޮތަށް ނިންމާފައިވަނީ އެގްޒެކިއުޓަރސް އިން އެއްބަސްވުމާ ޚިލާފުވެފައިވާތީ ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައިގައި ނެރުނު ފައިނަލް އެވޯޑުގައެވެ. އެގްޒެކިއުޓަރސްއާ އެކު 75 ވެންޓިލޭޓަރު ހޯދުމަށް ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކުރިއެވެ.

ވެންޓިލޭޓަރު ގަތުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓަރސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2 އޭޕްރިލް 2020ގައެވެ. މި އެއްބަސްވުމާ ޚިލާފުވުމުން ބަދަލު ހޯދުމުގެ ގޮތުން ސަރުކާރުން އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ 19 ގައެވެ. އެގޮތުން، ވެންޓިލޭޓަރުގެ އަގަށްވާ ފައިސާ އާއި އެއްބަސްވުމާ ޚިލާފުވުމުން ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލާއެކު ޖުމްލަ 32،574،750 ރުފިޔާއަށްވާ 2.1 މިލިއަން ޑޮލަރު ހޯދުމަށް ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އާބިޓްރޭޝަނުގެ ފައިނަލް އެވޯޑުގައި އެގްޒެކިއުޓަރސް އިން ފޯރުކޮށްދީފައި ނުވާ ވެންޓިލޭޓަރުތަކުގެ އަގަށްވާ 1.88 މިލިއަން ޑޮލަރާއި 2 މެއި 2021 އިން ފެށިގެން ދައްކަން ޖެހޭ %2 އިންޓަރެސްޓް ރޭޓު ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ލިކުއިޑޭޓް ޑެމޭޖަސްގެ ގޮތުގައި 223،750 ޑޮލަރާއި އެވޯޑު ނެރުނު ތާރީޚުން ފެށިގެން އެ ފައިސާ ދެއްކުމާ ހަމައަށް އަރާ %2 އިންޓަރެސްޓް ވެސް އެގްޒެކިއުޓަރސް އިން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ސަރުކާރުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން އެ މައްސަލަ ކުރިއަށްގެންދިޔައިރު އެގްޒެކިއުޓަރސް ކުންފުނިން އެއްވެސް އަޑުއެހުމަކަށް ހާޒިރުވެފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އާބިޓްރޭޝަންގެ ޚަރަދުގެ ގޮތުގައި އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ ވެސް ނުދައްކާ ކަމަށާއި ހުރިހާ ފައިސާއެއް ސަރުކާރުން ދައްކާފައިވާތީ އެ ފައިސާ ހޯދުމަށްވެސް ސަރުކާރުން އާބިޓްރޭޝަނުގައި އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

އާބިޓްރޭޝަންގެ ޚަރަދުގެ ގޮތުގައި ދައްކަން ޖެހުނު 132،865.56 ޑޮލަރު އެގްޒެކިއުޓަރސް އިން ސަރުކާރަށް ދައްކަން ޖެހޭނެ ކަމަށާއި އެ ފައިސާ ދެއްކުމާ ހަމައަށް އަހަރަކު %2 އިންޓްރެސްޓް ފައިސާ ވެސް ދައްކަން ޖެހޭނެ ކަމަށް ވެސް އާބިޓްރޭޝަންގެ ފައިނަލް އެވޯޑުގައި ވެއެވެ.

އާބިޓްރޭޝަންގެ ފައިނަލް އެވޯޑަކީ ޤާނޫނީ ގޮތުން ތަންފީޒު ކުރަންޖެހޭ އެވޯޑެއްކަމަށްވާތީ އެ އެވޯޑުގައި ކަނޑައަޅާފައިވާ ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރައްވާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވިއެވެ. އަދި އެގްޒެކިއުޓަރސްއާއެކު ސޮއިކުރި އެއްބަސްވުމާ ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ އެ މައްސަލައިގައި ބަލަން ޖެހޭ އިތުރު ކަންކަން ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅައިގެން ބަލަމުންދާކަން ވެސް އެ އޮފީހުން ވިދާޅުވިއެވެ.

އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގއަށް ކުރީ ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމަށް ހަވާލުކުރީ ބޭންކް ގެރެންޓީއަކާ ނުލައި ކަމަށާއި 34 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދީފައިވަނީ ވެންޓިލޭޓަރު ފޯރުކޮށްދެވޭނެ ކަމުގެ ގާބިލުކަން ހުރިތޯ ނުބަލައި ކަމަށާއި އެ ކުންފުންޏާ ގުޅޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާ ކަމަށް އެކަމާ ގުޅިގެން ހެދި އޮޑިޓް ރިޕޯޓުންނާއި އޭސީސީގެ ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.