ޚަބަރު

އެމްޑީޕީގެ ލީޑަރޝިޕްގައި ދެމި ހުންނާނަން: ރައީސް ޞާލިހު


  • މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށް ލީޑަރޝިޕުން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ

  • ޕާޓީގެ ލީޑަރޝިޕްގައި ގިނަ މީހުން ހިމެނުމަށް ބޭނުންވާ ކަމަށް ވިދާޅުވި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ލީޑަރޝިޕްގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ.

އެމަނިކުފާނު މިޔަޤީންކަން ދެއްވީ އެމްޑީޕީގެ ކެމްޕޭން ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިހު ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އެކަނިވެސް އެމްޑީޕީން ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް އެޕާޓީއަށް ލިބިފައިވަނިކޮށް ގިނަ މެންބަރުންތަކެއް ޕާޓީން ވަކިވުން ވެގެންދިޔައީ ޕާޓީއަށް ލިބުނު މާޔޫސްކަމެއް ކަމަށާއި ނަމަވެސް އެކަމުން އަރައިގަތުމަށް ޕާޓީގެ ލީޑަރޝިޕުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކަށްވީ ވީހާވެސް ގިނަ މީހުން ޕާޓީގެ ލީޑަރޝިޕުގައި ހިމަނުއްވައިގެން އެކުގައި މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމްކޮށްދެއްވުންކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު ހުންނަވާނީ އެ ޕާޓީގެ ލީޑަރޝިޕްގައި ކަމަށެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޚާބު މުހިންމު ކަމަށާއި އެ އިންތިޚާބު ކާމިޔާބު ކުރުމަށް ލީޑަރޝިޕުން ކުރެއްވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އަދި އަޅުގަނޑުމެން އެންމެންގެ އަމާޒަކަށްވެފައި އޮތީ ޕާޓީގެ ލީޑަރޝިޕްގައި ގިނަ ބަޔަކު ހިމެނިގެން އެކީގައި މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދަން ޖެހޭކަން. އެގޮތުން، ޕާޓީގެ އައު ރައީސް ގުޅިވަޑައިގަތުމުން ލިބުނީ އިތުރު ހިތްވަރެއް. އަދިވެސް އަޅުގަނޑު ބޭނުންވަނީ އެގޮތް. އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ޔަގީންކަން އަރުވަން އަޅުގަނޑު މި ޕާޓީގެ ލީޑަރޝިޕްގައި ހުންނާނަން. މި ޕާޓީއަށް ކުރިމަތިވާ ކޮންމެ ދަތި އުދަނގޫ ދަނޑިވަޅެއްގައި ކުރިއަށް ނިކުމެ އަނެއްކާވެސް ތަރުތީބު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން.

އެމްޑީޕީގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ފަރާތުން ކުރިއަށް އޮތް މަޖިލިސް އިންތޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ދައުރު ނިމެންދެން ޕާޓީގައި ދެމިތިބޭނެ ކަމުގެ ހުވާ ކުރައްވާފައެވެ.

މަޖިލިސް އިންތިޚާބުގައި އެމްޑީޕީން 90 ދާއިރާއަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ.