ޚަބަރު

މަޖިލިސް އިންތިޚާބު ފަސްކުރާ ގޮތަށް ގެނައި އިސްލާހަށް އަލުން ވިސްނުމަށް އެދި އަނބުރާ ފޮނުއްވާލައްވައިފި


  • ބިލުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ތަޢާރުޒުވާ ކަންކަން ހިމެނޭ

މަޖިލިސް އިންތިޚާބު ފަސްކުރާ ގޮތަށް އިންތިޚާބާ ބެހޭ އާންމު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހަށް އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އެ އިސްލާހު އަނބުރާ ފޮނުއްވާލައްވައިފިއެވެ.

މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ބިލް ތަސްދީގު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު އަނބުރާ ފޮނުއްވާލެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 91 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުންނެވެ. އެގޮތުން އެ ބިލުގައި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާއި ތަޢާރުޒުވާ ކަންކަމާއި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސް އެޅިދާނެ ފަދަ އިޖުރާއަތްތަކެއް ކަނޑައަޅާފައިވާކަން ބަންޑާރަ ނައިބު ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން އެ ކަންކަން އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ބަންޑާރަ ނައިބު ލަފާ ދެއްވާފައިވާ ކަމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. އެ ސިޓީގައި ބަންޑާރަ ނައިބު ފާހަގަކުރެއްވި އިތުރު ނުކުތާތައް ބަޔާންކުރައްވާފައިވާނެ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަޖިލީހުން މި ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން ވޯޓުދޭ މީހުންގެ ލިސްޓު ގެޒެޓް ކުރާއިރު އައިޑީކާޑު ނަންބަރު ފަދަ ކޮންމެހެން އާންމު ކުރަން ނުޖެހޭ، ޒާތީ މައުލޫމާތުތައް އާންމު ކުރަން ޖެހެއެވެ. އަދި "ފޯކަލް ޕޮއިންޓް"ތަކަށް ބޮޑެތި ޒިންމާތަކެއް ހަވާލުކޮށްފައިވާއިރު އެ ފޯކަލް ޕޮއިންޓުތަކަކީ ކިހިނެއް އައްޔަންކުރާ ބައެއްކަން ތަފްސީލުކޮށްފައި ނުވެއެވެ.

ޤާނޫނު އަސާސީގެ ދަށުން މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު މަޖިލިސް އިންތިޚާބުގެ ހުރިހާ ކަމެއް ނިންމަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު އެ ޤާނޫނަށް ގެނައި އިސްލާހާއެކު އެމުއްދަތުގެ ކުރިން އިންތިޚާބުގެ ހުރިހާ ކަމެއް ނިންމާލުމުގެ އިހްތިމާލު ވެސް އެބައޮތެވެ.

މި ބިލާ ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރިއަށްދިޔައިރު އަވަސް އަރުވާލައިގެން އެ މަސައްކަތް ކުރަން އުޅުމުން ބައެއް މެންބަރުން ނުރުހުން ވެސް ފާޅުކުރެއްވިއެވެ. އެގޮތުން، މިގޮތަށް ޤާނޫނަށް އިސްލާހު ގެނެސް މަޖިލިސް އިންތިޚާބުގެ ތާރީޚަށް ބަދަލު ގެނައުމަށް ބައެއް މެންބަރުން ބޭނުންވަނީ މަސްލަހަތު އޮތުމުން ކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުގައި އިންތިޚާބުތަކާބެހޭ އާންމު ޤާނޫނުގައި ނުވަތަ އެހެން ޤާނޫނެއްގައިވެސް އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް ރަމަޟާން މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެކަމަށް ވަނީ ބަޔާން ކޮށްފައެވެ. އަދި ރޯދަމަހުގެ ދުވަހަކާއި އިންތިޚާބު ދިމާވާނަމަ އެ އިންތިޚާބެއް ބާއްވަންވާނީ ރޯދަމަސް ނިމި 10 ދުވަސް ފަހުންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.