ޚަބަރު

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއްނުވި


  • އަނަސް މަރާލާފައިވަނީ 31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ

  • މިމައްސަލައިގައި 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލި

  • އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިނުވާ ކަމަށް ހުކުމުގައި ވަނީ ބަޔާންކުރައްވާފައި

މީގެ ހަތް އަހަރު ކުރިން މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ރ. މީދޫ/ ފެންފިޔާޒުގެ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި 7 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ. އެގޮތުން، ތިން މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އުފުލިއިރު ހަތަރު މީހެއްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލިއެވެ.

އަނަސް މަރާލާފައިވަނީ 31 ޖުލައި 2017 ވަނަ ދުވަހުގެ ރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އަނަސްއަށް އެ ގްރޫޕުން ހަމަލާދީފައި ވަނީ އޭނާ ފިލަން އެމަގުގައި ހުރި ލިޓަސް ގަރާޖަށް ވަނުމުން ބިންމައްޗަށް ވައްޓާލުމަށް ފަހުއެވެ. މި މާރާމާރީގައި އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ހަމަލާދީފައިވާއިރު، އޭނާއަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލައިގައި ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ދައުލަތުން ކުރީ ޅ. ކުރެންދޫ އަސުރުމާގޭ، އަހުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު، އުސްމާން ޝަރީފްގެ މައްޗަށެވެ. އަދި އެކަމުގައި ބައިވެރިވުމުގެ ދައުވާކުރީ ލ. ގަން ތުނޑި، ނަންނާރިގެ ޖުނައިހް އަބްދުﷲ އާއި ދަފްތަރު ނަންބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހުފޫޒުގެ އިތުރުން ތ. ކިނބިދޫ ގުލްފާމުގެ، މުޙައްމަދު ޝާޒްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ނެރުނު ހުކުމުގައި ވިދާޅުވެފައިވާ ގޮތުގައި ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާއަށް ރިޢާޔަތްކޮށް ދައުވާ ކުރެވޭ 7 މީހުން ކުށުގައި ބައިވެރިވި ކަމަށް ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ. ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ސީސީޓީވީ ފުޓޭޖުތަކާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުން ވެސް ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ބުރަދަން ދެވޭ ވަރުގެ ހެއްކެއް ނެތް ކަމަށް ގާޒީ އަލީ ނަދީމް އިއްވެވި ހުކުމުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ސީސީޓީވީ ފުޓޭޖްތަކުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑުތަކާއި ހެކިންނާއި ސިއްރު ހެކިވެރިންގެ ހެކިބަހުން ވެސް އަނަސް މަރާލާފައިވަނީ އެ 7 މީހުން ކަމަށް ސާބިތު ނުވާ ކަމަށް ވެސް ވަނީ ހުކުމުގައި ބަޔާން ކުރައްވާފައެވެ. އަދި ހުށަހަޅާފައިވާ ފޮޓޯއާއި ވީޑިއޯތަކުން ފެންނަނީ ދައުވާ ލިބޭ 7 މީހުންކަން ކަށަވަރު ކުރުމަށް ބާރުލިބޭ ހެއްކެއް ހުށަހަޅާފައިނުވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކުރިއެވެ. އޭނާއަށް ދައުވާ އުފުލިއިރު އުމުރަކީ 17 އަހަރު ކަމުން މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެ، 18 އަހަރަށް ޖަލަށް ލުމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.