ޚަބަރު

ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ %7 އިތުރު


  • އާމްދަނީގެ ގޮތުގައި 373 މިލިއަން ރުފިޔާ ލިބުނު

  • އެންމެ ގިނައިން މުދާ ގެނައީ ޔޫއޭއީން

  • ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކުރީ ތައިލެންޑަށް

މިއަހަރުގެ ޖަނަވަރީމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ މިދިޔަ ޖަނަވަރީ މަހާއި އަޅާބަލާއިރު އިތުރުވެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ ވަނީ %7 އިތުރުވެފައެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް 349 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މި އަހަރުގެ ޖަނަވަރީ މަހު މި ޢަދަދުވަނީ 373 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

ޖަނަވަރީ މަހު އިމްޕޯޓް އިތުރުވެފައިވާއިރު އެކްސްޕޯޓް ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ދިވެހިރާއްޖެއަށް 3.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މިއަހަރުގެ ޖަނަވަރީ މަހު މިޢަދަދުވަނީ 5.1 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެހެންކަމުން މިއީ %31 އިތުރުވުމެކެވެ.

އެކްސްޕޯޓަށް ބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު 173 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެކްސްޕޯޓް އުޅެނީ 251 މިލިއަނުގައެވެ. އެހެންކަމުން މިއީ %31 ދަށްވުމެކެވެ.

ޖަނަވަރީ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތައް:

* ޔޫ.އޭ.އީ - 938 މިލިއަން ރުފިޔާ
* އޮމާން - 774 މިލިއަން ރުފިޔާ
* އިންޑިއާ - 700 މިލިއަން ރުފިޔާ
* ޗައިނާ - 671 މިލިއަން ރުފިޔާ
* ސިންގަޕޯ - 550 މިލިއަން ރުފިޔާ

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑް، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، ބަންގްލަދޭޝް އަދި އިންޑިއާއަށް ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.