މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް- ބައިވެރިންނަށް ބޮޑު ރެއެއް


މޯލްޑިވިއަން އައިޑަލް ގާލާ ރައުންޑުގެ މި ހަފްތާގެ ޝޯވ ވެގެންދާނީ މި މުބާރާތުގައި މިހާރު ވާދަކުރާ ގަދަ 5 ބައިވެރިންނަށްވެސް ވަރަށް މުހިއްމު ޝޯވއަކަށެވެ. 

ސަބަބަކީ މިދިޔަ ހަފްތާގެ ޝޯވއިން ނޯ އެލިމިނޭޝަން ޕަވަރއާއެކު 5 ބައިވެރިންވެސް ސަލާމަތްވެފައިވާއިރު، މި ހަފްތާގެ ޝޯވއިން 2 ބައިވެރިއަކު ވަކިވެ، މި މުބާރާތުގެ ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ގަދަ 3 ބައިވެރިން ކަނޑައެޅިގެންދާނެތީއެވެ. ގާލާ ރައުންޑުގެ 9 ވަނަ ޝޯވ މިރޭ ދެއްކުމަށް ހަމަޖެހިފައިވާއިރު، ފޯރިގަދަ ހުށައެޅުންތަކަކާއެކު ގްރޭންޑް ފިނާލޭއަށް ވާދަކުރާ ބައިވެރިންގެ ވަކިވަކި ހުށައެޅުންތައް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. ފޯރިގަދަ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ 9 ވަނަ ޝޯވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.

ގަދަ 12 ބައިވެރިންނާއެކު ގާލާ ރައުންޑުގެ ޝޯވތައް މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުން ފެށިގެން ދައްކަން ފަށާފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް 7 ބައިވެރިއަކު ވަނީ މި ޝޯވއިން ކަޓާފައެވެ. އަދި މި މިހާރު މި ޝޯވގައި ވާދަކުރާ 5 ބައިވެރިންނަކީ، މުޙައްމަދު އިޝާން، ޢަބްދުﷲ ފާލިޙް އާދަމް، ލައިޝާ ޖުނައިދު، ޝަލަބީ އިބްރާހިމް އަދި މުޙައްމަދު ޒަލީފް ޢަބްދުﷲ އެވެ.

img:http://s3.psmnews.mv/images/660x400/14613030614664.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 8 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މިރޭވެސް ޝޯވ ދައްކާ ވަގުތުން ފެށިގެން ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް ވޯޓުލުމަށް އެސް.އެމް.އެސް ކުރެވޭނެއެވެ. އެގޮތުން އެސް.އެމް.އެސް ކުރުމުގެ ފުރުސަތު މިރޭގެ ޝޯވދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވޭނެއެވެ. ބެލުންތެރިންނަށް އެންމެ ކަމުދާ ހުށައެޅުމެއް ހުށައަޅައިދިން ބައިވެރިއަކަށް އެސް.އެމް.އެސް ކުރެއްވުމަށް MI ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއެއްގެ ނަން ޖެއްސެވުމަށްފަހު 303 އަށް އެސްއެމްއެސްއެއް ކުރެއްވުމުން ވޯޓް ދެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖްކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަ ވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މި ޝޯވއަށް ބެލުންތެރިން ފޮނުވާ ވޯޓަކީ ޞައްޙަ ވޯޓެއްކަން ޔަޤީންކުރުމަށާއި، ވޯޓު ގުނުން ކުރިއަށް ދަނީ އެންމެ އިންސާފުވެރިކޮށްތޯ ބެލުމުގެ މަސައްކަތް ކުރައްވަނީ އޭ.އެޗް އެސޯސިއޭޓްސް، އެލް.އެލް.ޕީ ނަމަކަށް ކިޔާ މިނިވަން އޮޑިޓް ފާމެއްގެ ފަރާތުންނެވެ.

img:http://s3.psmnews.mv/images/660x400/14613030927041.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 8 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މިހަފްތާގެ ޝޯވ ވެގެންދާނީ ގާލާ ރައުންޑުގެ އެންމެ ފަހު ޝޯވއަށެވެ. ގާލާ ރައުންޑުގެ ޝޯވތަކާއެކު މި މުބާރާތުގެ ފޯރި ދުވަހަކަށް ވުރެ ދުވަހެއް ގަދަވަމުންދާއިރު، ކޮންމެ ހަފްތާއަކުވެސް ބެލުންތެރިނަށް ޚާއްސަ ކަންތައްތަކެއް ފެނިގެންދެއެވެ. އެގޮތުން ގެސްޓް ޖަޖުންގެ ގޮތުގައި އަދި ޚާއްސަ ހުށައެޅުންތަކުންވެސް ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވަމުންދާ މަޝްޙޫރު ފަންނާނުންނާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްޙޫރު ފަރާތްތަކުން ވަނީ ގާލާ ރައުންޑުގެ އެކި ޝޯވތަކުގައި ބެލުންތެރިންނަށް ފެނިގެންގޮސްފައެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ޝޯވތަކަށް ބެލުންތެރިންގެ ފަރާތުން ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަކަމަށާއި، ސޯޝަލް މީޑިއާއާއި އެހެނިހެން ގޮތްގޮތުން މިޝޯވއަށް ބެލުންތެރިންގެ ފަރާތުން ރަނގަޅު ކޮމެންޓުތަކެއް ލިބެމުންދާކަން އައިޑަލްގެ ޕްރޮޖެކްޓް ޓީމުން ފާހަގަކުރެއެވެ.

img:http://s4.psmnews.mv/images/660x400/14613029624351.jpg|މޯލްޑިވިއަން އައިޑަލް - ގާލާ ރައުންޑުގެ 8 ވަނަ ޝޯވގެ އެލިމިނޭޝަން ނައިޓުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް

މޯލްޑިވިއަން އައިޑަލްގެ ޝޯވތައް ޓީ.ވީ.އެމްގެ އިތުރުން، މީޑިއާ ނެޓްގެ އައިސް ޓީވީ މެދުވެރިކޮށް އެޗް.ޑީކޮށް އާއްމުންނަށް ފެންނާނެއެވެ. މީގެ އިތުރުން ޕީ.އެސް.އެމްގެ ލައިވް ސްޓްރީމް މެދުވެރިކޮށްވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ޤައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށް މި ޝޯވ ބަލާލެވޭނެއެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށްވެސް އެޗްޑީކޮށް މި ޝޯވ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެއެވެ.

މިހާރު ތާވަލްކުރެވިފައިވާ ގޮތުންނަމަ މޯލްޑިވިއަން އައިޑަލްގެ ގަދަ 3 ބައިވެރިންނާއެކު، މި ޝޯވގެ ގްރޭންޑް ފިނާލޭ ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. މޯލްޑިވިއަން އައިޑަލްގެ ޓައިޓަލް ހޯދާ ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 250،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.