ޚަބަރު

ސަރުކާރުން ފިޔަވަޅުތައް ނޭޅިނަމަ ޤައުމު ބަނގުރޫޓުވީސް: ރައީސް


  • ފިޔަވަޅުތައް އެޅުމުގެ ނަތީޖާ ދަނީ ފެންނަމުން

  • އިންވެސްޓަރުންގެ އިތުބާރު ލިބޭނެކަމަށް ވިދާޅުވި

އިޤްތިޞާުދަށް ކުރިމަތިވެފައި އޮތް ހީނަރުކަމުން ސަލަމާތްކުރުމަށް ސަރުކާރުން ފިޔަވަޅުތައް ނޭޅިނަމަ ރާއްޖެ ބަނގުރޫޓްވީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހއ.ބާރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިޤްތިޞާދު ކުރިއެރުމަށް އެޅި ފިޔަވަޅުތަކާއެކު ލިބެމުންދާ ކުރިއެރުންތަކުގެ މައްޗަށްވެސް ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ވެވަޑައިގަންނަވާފައިވާ ވައުދުތައް އެއްވެސް ރަށެއްގެ، އެއްވެސް ރައްޔިތެއް ބާކީނުކޮށް ފުއްދަވައިދެއްވާނެކަމަށެވެ. އަދި އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީވެސް ވައުދުތައް ފުއްދުން އަވަސްކުރުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން އިޤްތިޞާދު ކުރިއަރުވައި، ފުޅާކުރެއްވުމަށް ފިޔަވަޅުތައް ނޭޅިނަަމަ މިއަދު ރާއްޖޭގެ އިޤްތިޞާދު މާބޮޑު ނުރައްކަލެއްގެ ތެރެއަށް ވެއްްޓުނީސްކަމަށެވެ.

"އެ ފިޔަވަޅުތައް ނާޅާ ތިބިނަމަ މިއަދު ތިބޭނީ ޑިފޯލްޓްވެފައި. ބޭރަށް ދޭންޖެހޭ ފައިސާ ދިނުމުގައި ތިބޭނީ ފެއިލްވެފައި. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭނެ ހާލަތަކަށް ގޮސްފައި، ނަމަވެސް ފިޔަވަޅު އެޅުމުން މިއަދު ރަނގަޅަށް ކަންކަން ދަނީ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގެ މަސައްކަތަކީ ސަރުކާރަށް އެކަނި ކުރެވޭނެކަމެއް ނޫންކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރަންޖެހޭކަމަށެވެ. އަދި ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު ބޭރުގެ އިންވެސްޓަރުންނާއި މާލީ އިދާރާތަކުގެ އިތުބާރުވެސް ރާއްޖޭގެ އިޤްތިޞާދަށްވެސް ބޮޑުކަން ހާމަވަމުންދާކަމަށާއި އެކަމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ލިބުމުގެ ފުރުސަތުވެސް ބޮޑުވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފައިސާ ޗާޕުކުރަމުންދިޔަނަމަ އިންވެސްޓަރުނެއް ނުލިބޭނެކަމަށާއި، ނަމަވެސް މިހާރު އެޅި ފިޔަވަޅުތަކާއެކު ނަފާ ލިބޭނެކަމުގެ ޔަގީންކަން އިންވެސްޓަރުންނަށް އޮންނާނެކަމަށެވެ.

"މި ސަރަހައްދުގައި ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭނެ އިނޮކޮމިކް އެކްޓިވިޓީގެ މަސައްކަތް ފެށިގެން މިދަނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި. އިހަވަންދިއްޕޮޅުގައި. ސަރުކާރު ހިއްސާވާ އެންެމެ ބޮޑު 5 ކުންފުނީގެ މައްޗަށް ހިއްސާވާ، ރައްޔިތުންގެ ބޮޑު ކުންފުންޏާއި މިވަނީ އެ ސަރަހައްދު ހަވާލުކޮށްފައި" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑެތި ކާމިޔާބީތައް ލިބެމުންދާކަމަށާއި، އަދި އެކަންކަމުގެ ރަނގަޅު ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އަދި ސަރުކާރުން ހޯދަމުންދާ ކުރިއެރުންތަކާއެކު ރައްޔިތުންނަށް އުފާފަގަތިކަން ގެނެސްދެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.