ދުނިޔެ

ޔަމަނުގެ ސުލްހައިގެ މަޝްވަރާތައް ފަށައިފި


ޔަމަނުގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބާއްވާ މަޝްވަރާތައް ކުވެއިތުގައި ފަށައިފިއެވެ.

މިމަޝްވަރާތައް ފައްޓަވާދެއްވަމުން ކުވެއިތުގެ ހާރިޖީ ވަޒީރު ޝޭހް ސަބާ އަލް-ހާލިދް އަލް ސަބާ ވަނީ ޔަމަނުގައި ކުރިޔަށްދާ ދާހިލީ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނައުމަށް ހަނގުރާމައިގައި ބައިވެރިވާ ދެފަރާތައް ގޮވާލާފައެވެ.

އަހަރަކަށް ދިގުދެމިގެން ގޮސްފައިވާ މިހަނގުރާމައިގެ ސަބަބުން ޔަމަނުގެ 6 ހާސް ދުއިސައްތައަށް ވުރެ ގިނަ ރައްޔިތުން ވަނީ މަރުވެފައެވެ. ކުވެއިތުގައި ކުރިޔަށްދާ ޔަމަނުގެ ސުލްހައިގެ މަޝްވަރާތަކުގައި ޔަމަނުގެ ރައީސް އަބްދު ރައްބު މަންސޫރް ހާދީގެ ސަރުކާރާއި އިދިކޮޅު ހޫތީ ގްރޫޕާއި ގުޅިފައިވާ ޕީޕަލްސް ކޮންގްރެސް ޕާޓީގެ މެންބަރުން ދަނީ ބައްދަލްކުރަމުންނެވެ.

މިދިޔަ ހޯމަދުވަހު ފެށުމަށް ކުރިން ރޭވިފައިވާ މިބައްދަލުވުން ލަސްވެފައިވަނީ މަޝްވަރާތަކުގެ އެޖެންޑާއި މެދު ދެފަރާތުން އެއްބަސް ނުވެވިގެން ކަމަށް އޮފިޝަލުން ބުންޏެވެ. އދ އިން ޔަމަނަށް ކަޑައަޅުއްވާފައި ހުންނަވާ މަންދޫބު އިސްމާއިލް އުލްދް ޝޭހް އަހްމަދު ވިދާޅުވީ ޔަމަނުގެ ސުލްހައިގެ މިމަޝްވަރާތަކަކީ އދގެ ޤަރާރެއްގެ މައްޗަށް އެކުލެވިގެން ބޭއްވޭ މަޝްވަރާތަކެއްކަމަށެވެ. އަދި މިޤަރާރުގެ ދަށުން ޔަމަނުގެ ސަރުކާރާއި އިދިކޮޅު ހޫތީ ހަނގުރާމަވެރިންގެ އަތްދަށަށް ގެންގޮސްފައިވާ ސަރަހައްދުތައް ދޫކޮށްލާ، ބޮޑެތި ހަތިޔާރުތައް ޔަމަނުގެ ސަރުކާރާއި ހަވާލްކުރުމަށް ގޮވާލާފައިވެއެވެ.