ކުޅިވަރު

ކްލަބް މޯލްޑިވްސް ކަޕް ފައިނަލަށް ބީއެމްއެލްއާއި އެމްއާރުޑީސީ


ކްލްބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުން އެމްއާރުޑީސީ އާއި ބީއެމްއެލް ޖާގަ ހޯދައިފިއެވެ. މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން އެމްއާރުޑީސީ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ޓީމް ފެނަކައާ ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. 

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއުރު ނަތީޖާ ތިންލަނޑު ތިންލަނޑުން އެއްވަރުވުމުން މެޗްގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީޖަހައިގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ގައި އެމްއާރުޑީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ ނާފިއު އަދި އަބްދުﷲ ޝާފިއުއެވެ. ޝާފިއު ވަނީ މެޗްގައި ދެލަނޑު ޖަހާފައެވެ. ފެނަކަ ޓީމްގެ ތިންލަނޑު ޖެހީ އަހުމަދު ހަލީފް، ސަފްވަތު ރަމްޒީ އަދި އަބްދުﷲ ޝައްފާންއެވެ.

 ބޭންކް އޮފް މޯލްޑިވްސް ވެސް ފައިނަލުން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. މޯލްޑިވިއަންއާ ބީއެމްއެލް ވާދަކުރިމެޗްގެ ފުރިހަމަ ވަގުތު ހަމަވިއުރު ނަތީޖާ އެއްވަރުވީ ދެލަނޑު ދެލަނޑުންނެވެ. މެޗްގައި ބީއެމްއެލްގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އިބްރާހިމް ހަމްދާންއެވެ. މޯލްޑިވިއަންގެ ދެލަނޑު މެޗްގައި ކާމިޔާބުކޮށްދިނީ ހުސެއިން އަލީއާއި ހަމްޒާ މުހައްމަދުއެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅެން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ އެވެ.