ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް ސުވާލާއި ޝަކުވާ ހުށަހެޅުމަށް "ރައްޔިތުންގެ އަޑު" ޕޯޓަލް އިފްތިތާހުކޮށްފި


  • ޕޯޓަލް މެދުވެރިކޮށް ޖަވާބު ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ

  • "ރައީސްގެ ޖަވާބު" އަދި "އަހާ" ގެ ނަމުގައި ވެސް ޕްރޮގްރާމްތައް ދަނީ ހިންގަމުން

އާއްމު ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ކުރަން ބޭނުންވާ ސުވާލުތަކާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ.

"ރައްޔިތުންގެ އަޑު"ގެ ނަމުގައި ގާއިމުކޮށްފައިވާ މި ޕޯޓަލް އިފްތިތާހުކޮށްދެއްވީ މިރޭ ސަލްޓަން ޕާކުގައި ކުރިއަށްދިޔަ "އަހާ" ޕްރޮގްރާމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރައްޔިތުންގެ ސުވާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޕޯޓަލެއް ގާއިމުކޮށްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބުދެއްވާނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށްކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް އިފްތިތާހުކުރި ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް ބޭނުން ސުވާލެއް އެމަނިކުފާނާ ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރެގެން މަސައްކަތް ކުރައްވާނަމަ އެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދޭން ޖެހޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވާނުވާ ނޭގޭގޮތަށް ކަންކަން އޮތުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޕޯޓަލްގެ ފުރުސަތުގެ ބޭނުން ހިފުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސްކުރައްވާކަމަށެވެ.

"އެގޮތަށް މަސައްކަތް ކުރީމަ އަޅުގަނޑަށް ލިބޭ ހިތްހަމަ ޖެހުމަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް މަސައްކަތް ކުރެވެއޭ. ނޫނިއްޔާ ކިހާވަރަކަށްތޯ އަޅުގަނޑުގެ މަސައްކަތް އިތުރަށް ރަނގަޅު ކުރަން ޖެހެނީ ރައްޔިތުންގެ އުއްމީދުތަކާ އެއްވަރަށް ކަންކަން ހިންގަންޏާ. މި ދެކޮޅަށް ހިނގާ ކަމެއް. މިއީ ސޯޝަލް ކޮންޓްރެކްޓްރެކްޓެއް. އަޅުގަނޑު މަސައްކަތް ކުރާނީ ރައްޔިތުންނާ އެކީގައި ރައްޔިތުންގެ ފަޅީގައި ހުރެގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް އޮފީހުން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕޯޓަލަށް އީފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެކަމަށާއި އަދި އެއަށްފަހު ބޭނުންވާ ސުވާލެއް އަދި ޝަކުވާއެއް ހުށަހެޅުމުގެ ފުރުސަތު އެ ޕޯޓަލުން ލިބިގެންދާނެއެވެ.

ރައްޔިތުންގެ ސުވާލާއި ޝަކުވާ ހުށަހެޅުމަށް "ރައްޔިތުންގެ އަޑު" ނަމުގައި ޕޯޓަލެއް އިފްތިތާހުކޮށްފައިވާއިރު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ "ރައީސްގެ ޖަވާބު" އަދި "އަހާ" ގެ ނަމުގައިވެސް ޕްރޮގްރާމްތައް ހިންގަމުންނެވެ.