ޚަބަރު

ސާޓޭ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ


  • މި ފެއަރ ކުރިއަށްދާނީ މިމަަހުގެ 22އިން 24އަށް އިންޑިއާގެ ނިއު ދިއްލީގައި

  • ރާއްޖެއިން 34 ކުންފުންޏަކުން 57 ފަރާތަކުން ބައިވެރިވެފައިވޭ

  • ސާޓޭއަކީ ދެކުނު އޭޝިއާގެ، ބޮޑު ފެއަރތަކުގެތެރޭގައި ހިމެނޭ ފެއަރއެއް

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އިންޑިއާގައި ބާއްވާ ސާޓޭ ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި މަަހުގެ 22އިން 24އަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދާ މި ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ 34 ކުންފުންޏަކުން 57 ފަރާތަކުން ބައިވެރިވެފައިވެއެވެ. ސާޓޭއަކީ ދެކުނު އޭޝިއާގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ނެޓްވޯކިން ފޯރަމެވެ. އެ ފެއަރގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވެން ހުރި ތަޖުރިބާތައް އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އެމްއެމްޕީއާރުސީން ވިދާޅުވީ އެ ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ލީޑަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކުން ބައްދަލުކޮށް ނެޓްވޯކްކޮށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ދައްކާލުމަށް ފަހި ފުރުޞަތުތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ސާޓޭގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޓްރެވަލް ޓްރޭޑުގެ ޕްރޮފެޝަނަލުންނާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިޔުމުގެ އިތުރުން މީޑިއާ އިންޓަވިއުތަށް ކުރިއަށްދޭނެއެވެ. އަދި ޚާއްޞަ ގުރުއަތަކުން ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ނަސީބުވެރި ފަރާތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރު އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އެ ގޮތުން މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 208،876 ފަރުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.