ޚަބަރު

ސަވާދީއްތަ ދަތުރު: ސަޤާފީ ގިނަ ޙަރަކާތްތަކާއެކު ކޮލަމާފުށިން ހޫނު މަރުޙާބާއެއް


  • ބަނދަރުމަތިން ސަޤާފީ ހެދުމުގައި ހޫނު މަރުހަބާއެއް ކިޔާފައިވޭ

  • ސަޤާފީ އެގްޒެބިޝަނެއް ބާއްވާފައިވޭ

  • މަރަކަ އާލާކުރުމުގެ މަސައްކަތް ދައްކާލާފައިވޭ

ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ގއ.ކޮލަމާފުށިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ސަވާދީއްތަ ދަތުރުގެ ބައިވެރިން ކޮލަމާފުއްޓަށް ދަތުރުކޮށްފައިވަނީ ލ. އަތޮޅުންނެވެ.

ކޮލަމާފުށިން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަނީ ސަޤާފީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ ގޮތުން ރަށުގެ ބަނދަރު މައްޗަށް ކުދިބޮޑު އެންމެން ސަޤާފީ ހެދުމުގައި ދިވެހިވަންތަ ލަވަތަކާއި ނެށުމުގެ ހަރަކާތްތަކާއެކު ފަތުރުވެރިންނަށް މަރުޙަބާ ކިޔާފައިވެއެވެ. މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން ހަނދާނީ ލިޔުމަކަށް ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި ކޮލަމާފުށި ކައުންސިލުންވަނީ ސްޓޭމްޕު ޖަހާފައެވެ.

ކޮލަމާފުށިން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދިވެހިންގެ ސަޤާފަށް ދައްކާ ދިނުމަށް އެގްޒިބިޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އެގްޒިބިޝަންގައި ދިވެހިންގެ އެވޭލާ ޒަމާނުގައި ޢާންމުކޮށް ކޮށްއުޅުނު މަސައްކަތްތަކާއި ދިވެހިންގެ ދިރިއުޅުން ވަނީ ދައްކައިލާފައެވެ.

މީގެ އިތުރުން ކޮލަމާފުށީގައި ކުރިއަށްދާ މުރަކަ އާލާ ކުރުމުގެ މަޝްރޫޢު ވެސް ފަތުރުވެރިންނަށް ވަނީ ދައްކައިލާފައެވެ. ގއ.ކޮލަމާފުއްޓަށް ފަހު ސަވާދީއްތަ ދަތުރުގެ ބައިވެރިން މިހާރު ދަތުރުކުރަމުން ދަނީ ގދ.ހޯނޑެއްދޫއަށެވެ. އަދި އެއަށްފަހު އައްޑޫ ސިޓީ ހިތަދޫއާއި ގަމަށް ވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދިހަ ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާ ގޮތަށް ސަވާދިއްތަ ދަތުރު ފެށީ މާލެ އަތޮޅު ކުޑަގިރިން މި މަމުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިޔާއާއި އިނގިޜޭސިވިލާތާއި ފަރަންސޭސިވިލާތާއި ފިންލޭންޑާއި ޢަރަބި އެކުވެރި އިމާރާތް (ޔޫއޭއީ)ގެ ޔޮޓްތަކެވެ. ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ.ފުލިދޫގައެވެ. އެއަށްފަހު ވަނީ މ.މުއްޔަށް އަދި ލ.އަތޮޅުގެ 3 ރަށަކަށް ޒިޔާރަތްކޮށްފައެވެ. ސަވާދީއްތަ ދަތުރަކީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރެލީއެވެ. އެއީ ޔޮޓް ރެލީއެއް ގޮތަށް ބާއްވާ ދަތުރުގެ 3 ވަނަ އެޑިޝަނެވެ.

ސަވާދީއްތަ ދަތުރުގެ 3 ވަނަ އެޑިޝަން ކުރިއަށްދާނީ މި މަހުގެ 29އާ ހަމައަށެވެ. މި ފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއަށްވާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެމްއައިޓީޑީސީ)ން ބުނެއެވެ.