ޚަބަރު

އޮބާމާ، ސައުދީ ރަސްގެފާން ސަލްމާނާއި ބައްދަލުކުރައްވައިފި


ސަޢޫދީ ޢަރަބިޔާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ، ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ބައްދަލުކުރައްވައިފިއެވެ. 

ރިޔާޒްގައި ހުންނަ ސަޢޫދީ ރަސްގެފާނުގެ ގަނޑުވަރުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ސޫރިޔާއާއި ޔަމަންގެ ދާޚިލީ ހަނގުރާމަތަކާއި ޓެރަރިޒަމްގެ މައްސަލައާއި އީރާނާއި ސަޢޫދީއާ ދެމެދުގައިވާ ނުތަނަވަސްކަމުގެ މައްސަލައިގެ އިތުރުން އެމެރިކާއާއި ސަޢޫދީގެ ގުޅުންތައް އިތުރަށް ބަދަކުރެވޭނެ ގޮތްތައް ހިމެނެއެވެ.

އޮބާމާ ސައޫދީ އަރަބިޔާއަށް ވަޑައިގެންނެވީ އެގައުމުގައި ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެމެރިކާއާއި ގަލްފުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މިސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ ގަލްފުގެ ގައުމުތަކުގެ އަމީރުންނާއި ރަސްރަސްކަލުން މިހާރު ތިއްބެވީ ސައޫދީ ވެރިރަށް ރިޔާޒްގައެވެ. މިއީ، މިދިޔަ އަހަރުގެ ޖަނަވަރީމަހު ސަލްމާން ރަސްގެފާނު، ސައޫދީ ރަސްކަމަށް އިސްވެވަޑައިގަތުމަށްފަހު އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާ ބައްދަލުކުރައްވާ ތިންވަނަ ފަހަރެވެ. 

އެންމެ ފުރަތަމަ ދެބޭފުޅުން ބައްދަލުކުރައްވާފައިވަނީ ދެހާސް ފަނަރަވަނަ އަހަރުގެ ޖަނަވަރީމަހުގެ ހަތާވީހުގައި ސައޫދީ ވެރިރަށް ރިޔާޒްގައެވެ. ދެވަނަ ފަހަރަށް ބައްދަލުކުރައްވާފައިވަނީ މިދިޔައަހަރުގެ ސެޕްޓެމްބަރުމަހު ސައޫދީ ރަސްގެފާނު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވައިޓްހައުސްގައެވެ. ރިޔާޒްގައި ބުރާސްފަތި ދުވަހު ފެށޭ ސަމިޓަކީ ގަލްފުގެ ގައުމުތަކާއި އެމެރިކާގެ އިސްވެރިންގެ މެދުގައި ބާއްވާ ދެވަނަ ސަމިޓްއެވެ. 

ފުރަތަމަ ސަމިޓް ބާއްވާފައިވަނީ އެމެރިކާގެ ކޭންޕްޑޭވިޑްގައި މިދިޔަ އަހަރުއެވެ. އެސަމިޓްގައި ސައޫދީ ރަސްގެފާނު ސަލްމާންގެ ބަދަލުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ސައޫދީ ވަލީއަހްދު މުހައްމަދު ބިން ނާއިފްއެވެ. 

ގަލްފުގެ އަރަބި ގައުމުތަކާއި އެމެރިކާގެ އިސްވެރިންގެ ސަމިޓް ބައްދަލުވުންތައް ފަށާފައި މިވަނީ އެމެރިކާއާއި ވިލާތުގެ ގައުމުތަކުން އީރާނާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅެން ފެށުމާއި ގުޅިގެންނެވެ. މިސިޔާސަތާއެކު އެމެރިކާ އިސްވެއޮވެ ކުރި މަސައްކަތްތަކެއްގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ މައްސަލަ ހައްލުކުރެވި އީރާނާދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭން ގިނަ ފިޔަވަޅުތައްވަނީ އުވާލާފައެވެ. އަދި އެމެރިކާއާއި އީރާނުގެ އިސް މަސްއޫލުވެރިން ސީދާގޮތެއްގައި ބައްދަލުކުރައްވަން ފައްޓަވާފައިވާއިރު ވިލާތުގެ ބޮޑެތި ގައުމުތަކުގެ އިސްވެރިންވެސް ގެންދަވަނީ އީރާނަށް ޒިޔާރަތް ކުރައްވައި އީރާނާ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. 

މިކަމުގެ ސަބަބުން އީރާނުގެ އެކަހެރިކަން ފިލައި ޑިޕްލޮމެޓިކް ގޮތުންނާއި އިގްތިސާދީ ގޮތުން އީރާނުގެ ބާރު ކުރިޔަށްވުރެ ގަދަވެ ގަލްފާއި މެދުއިރުމަތީގައި މުހިއްމު ދައުރެއް އަދާކުރުމުގެ ފުރްސަތު އީރާނަށްވަނީ ތަނަވަސްވެގެން ގޮސްފައެވެ. 

ގަލްފުގެ ގައުމުތަކަކީ އެގައުމުތަކުގެ ދިފާއީ ކަންތައްތަކާއި އިގްތިސާދާ އަދި ތަރައްގީގައި އެމެރިކާއަށާއި ވިލާތުގެ ގައުމުތަކަށް ބަރޯސާވާ ގައުމުތަކެވެ. އެހެންކަމުން އެމެރިކާއާއި ވިލާތުގެ ގައުމުތަކުން އީރާނާ ގާތްވަމުން ދިޔުމަކީ ގަލްފުގެ ގައުމުތައް ކަންބޮޑުވާކަމެކެވެ. އީރާނާއި އެމެރިކާ ގާތްވަމުންދާ މައްސަލާގައި ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތައްވަނީ ކަންބޮޑުވާކަން އެތައް ފަހަރަކު އެތަށް ގޮތަކަށް ހާމަކޮށްފައެވެ. 

ނަމަވެސް އީރާނަކީ މުޅިމެދުއިރުމައްޗަށްވެސް ބާރާއި ނުފޫޒު ހިންގޭފަދަ ބޮޑު އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ ގައުމަކަށްވާތީއާއި ގަލްފުގެ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަވެފައިވާތީ ގަލްފުގެ ގައުމުތަކުގެ މިކަންބޮޑުވުންތަކާމެދު އެމެރިކާ މާބޮޑަށް އަޅާލާފައެއްނުވެއެވެ. މީގެއިތުރުން އީރާން އެކަހެރިކޮށް އީރާނާ ދިމާކުރުމަށް އެމެރިކާ ކުރިން ގެންގުޅުނު ސިޔާސަތުތައްވެސް ކާމިޔާބު ނޫންކަމަށް އެމެރިކާ ދެކެއެވެ. އަދި އައިއެސް ޖަމާއަތްފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ނުރައްކާ މެދުއިރުމައްޗަށް ބޮޑުވެ އަރަބި ބައެއް ގައުމުތަކުގައި ދާޚިލީ ހަނގުރާމަތައް ފެށި މެދުއިރުމަތީގެ މަސްރަހު މުޅިން ބަދަލުވެގެންދިޔުމުން އެމެރިކާ ވަނީ އެގައުމުން ކުރިން ގެންގުޅުނު ބައެއް ސިޔާސަތުތައް ބަދަލުކޮށް މެދުއިރުމަތީގައި ތަފާތު ސިޔާސަތުތަކެއް ގެންގުޅެން ފަށާފައެވެ. މީގެތެރޭގައި އީރާނާ ކުރިމަތިލުމުގެ ބަދަލުގައި އީރާނާ ސުލްހަވެ އެގައުމާ ގާތްވުމުގެ ސިޔާސަތެއް ގެންގުޅުން ހިމެނެއެވެ.