ކުޅިވަރު

މި ފަހަރުގެ ދެވަނަ ޑިވިޝަން ޓެންޓަށް ބޮޑު ސަޕްރައިޒަކަށް


ނިމިގެންދިޔަ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޓެންޓް ސްޕޯޓްސް ކުލަބުން ދެއްކީ ސަޕްރައިޒިން ކުޅުމެއް ކަމަށް އެ ޓީމުގެ އޮފިޝަލް އަބްދުﷲ ޝަފީގު އަލީ ބުނެފިއެވެ.

ދެވަނަ ޑިވިޝަނުގައި ޓެންޓުން ދެއްކި ކުޅުމާ ގުޅޭގޮތުން ވާހަދައްކަމުން ޝަފީގު ބުނީ މުޅި މުބާރާތުގައި ޑިސިޕްލިން އާއި ހުރިހާ ކަމަކަށް ބަލާއިރު ޗެމްޕިއަނަކީ އެ ކުލަބު ކަމަށެވެ. އަދި މުބާރާތަށް އެކުލަވާލި ސްކޮޑުގައި ތަޖުރިބާކާރު ކުޅުންތެރިން ހިމެނުނަސް، ޒުވާން ކުޅުންތެރިންވެސް ދެއްކީ އުއްމީދީ ކުޅުމެއް ކަމަށް ވަނީ ބުނެފައެވެ.

ޝަފީގު ބުނީ މުބާރާތުގެ ސެމީ ފައިނަލާ ހަމަޔަށް އާދެވުމަކީ ޓެންޓުން ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، އެއީ ލިބުނު ބޮޑު ހިޓްވަރެއް ކަމަށެވެ. އަދި އެފްއޭއެމުން މުބާރާތް ރޭވި ގޮތަށް ތާވަލުކުރެވި، މެދުނުކެނޑި ކުރިއަށްގެންދާނަމަ، ޓީމުތަކަށް ފައިދާވާނެ ކަމަޥެސް ޝަފީގު ބުންޏެވެ.

"
އަޅުގަނޑުމެންގެ ކުޅުންތެރިންގެ ހިތްވަރާއެކު މިހިސާބަށް އާދެވުމަކީ ހަމަ ސަޕްރައިޒެއް. އަޅުގަނޑުމެން ލެގޫންސް ބަލިކުރިން. ބީޖީ ބަލިކުރިން. އަނެއްހެން ބުނާނަމަ ޓެންޓަކީ މި ފަހަރު ސަޕްރައިޒިން ނަތީޖާއެއް ނެރުނު ޓީމެއް.
އަބްދުﷲ ޝަފީގު އަލީ - ޓެންޓުގެ އޮފިޝަލް

ޝަފީގު ބުނީ މި ފަހަރުގެ މުބާރާތަށް ޓެންޓް ތައްޔާރުވީ މީގެ ކުރިން އޮތް އުސޫލުގެ ދަށުން ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވުމުގެ އަޒުމުގައި ކަމަށާއި، ކުރިއަށް އޮތް މުބާރާތަށް ރަނގަޅަށް ތައްޔާރުވެ މަސައްކަތްކުރާނެ ކަމަށެވެ. އަދި މި މުބާރާތަށް ޓެންޓް ނުކުތީ އެހެން ޓީމުތަކަށް ނަމޫނާ ދައްކައި، ރަނގަޅު ފުޓްބޯޅައެއް ކުޅުމުގެ ބޭނުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ..

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ޓެންޓުން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ ކުއާޓާ ފައިނަލުގައި ވަރުގަދަ ލެގޫންސް ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ. އެކަމަކު ސެމީގައި ޓެންޓް ބަލިވީ މުބާރާތުގެ ތަށި ކާމިޔާބުކުރި މަސްއޮޑި ސްޕޯޓްސް ކުލަބު އަތުންނެވެ.