ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް 10 ކުއްޖަކަށް މިއަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާދިނުމަށް ޒަކާތު ފަންޑުން ނިންމައިފިއެވެ.
ތެލެސީމިއާ ކުދިންނަށް ޒަކާތު ފަންޑުން ބޯންމެރޯ ހަދާދިނުމާ ގުޅޭ ފަހުމްނާމާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޞިއްޙަތާ ބެހޭ ވުޒާރާއާ ދެމެދުވަނީ ސޮއިކުރައްވާފައެވެ.
މިފަހުމުނާމާގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލްޙަކީމެވެ. ސިއްޙަތާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އާމިނަތު ޝިރުނާއެވެ.
މިފަހުމްނާމާގެ ދަށުން ކުރިއަށް އޮތް 5 އަހަރު ތެރޭ ކޮންމެ އަހަރަކު 10 ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިއެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުއްޖަކަށް އެއްމިލިއަން ރުފިޔާއަށްވުރެ އިތުރުނުވާ ގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 50 ކުދިންނަށް ޖުމްލަ 50 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ތެލަސީމިއާ ކުދިންގެ ތެރެއިން ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޒަކާތު ފަންޑުން 2023 ވަނަ އަހަރުވެސްވަނީ 5 ކުއްޖަކަށް އެހީ ފޯރުކޮށްދީފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު 10 ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ އެހީގައި ތެލެސީމިއާ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިއަހަރު ވަނީ 3 ކުދިން ފުރާފައެވެ. ބޯންމެރޯ ހެދުމަށް ޝަރުތު ހަމަވާ 40 ކުދިން މިވަގުތުވެސް ލިސްޓްކުރެވިފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. މި ކުދިންނަކީ އާއިލާގެ ތެރެއިން، ބޯންމެރޯ ޑޯނަރ ހަމަޖެހިފައިވާ ކުދިންނެވެ. މީތެރެއިން 5 ކުއްޖަކު މިހާރު ތިބީ، ފަރުވާއަށް ފޮނުވޭވަރަށް ތައްޔާރުވެފައި ކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
ސަރުކާރުން ޢަމާޒުކޮށްފައިވަނީ، ކޮންމެ އަހަރަކުވެސް ވަކި ޢަދަދަކަށް ކުދިން ބޯންމެރޯ ހަދަން ފޮނުވުމަށެވެ.