ކުޅިވަރު

ރޭގެ މޮޅަކީ ހީކުރި ވަރަށްވުރެ ފަސޭހަ މޮޅެއް - ކްލޮޕް


އެވަޓަން އަތުން ރޭ ލިވަޕޫލަށް ލިބުނީ ހީކުރިވަރަށްވުރެ ފަސޭހަ މޮޅެއްކަމަށް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނެފިއެވެ. 

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ދިހަ ކުޅުންތެރިންނާއިއެކު މެޗް ނިންމާލި އެވަޓަން އަތުން ލިވަޕޫލް މޮޅުވީ ހަތަރެއް ސުމަކުންނެވެ. 

މެޗަށް ފަހު ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ މީ ހީކުރި ވަރަށްވުރެ ފަސޭހަ މޮޅެއްކަމަށާއި، އެވަޓަންއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި މީ އާންމުކޮށް ފެންނަ މަންޒަރެއް ނޫންކަމަށެވެ. މެޗުގައި އެޓީމަށް ދެއްކި ރަތްކާޑާއި ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކާއިއެކު އެވަޓަންއަށް ގިނަ އުނދަގޫތަކެއް ކުރިމަތިވިކަމަށާއި، ލިވަޕޫލްގެ އެޓޭކްވެސް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށްކަމަށެވެ. 

"ހީކުރިވަރަށްވުރެ މެޗް ފަސޭހަ، އެވަޓަންއާއި ދެކޮޅަށް ކުޅޭ ޑާރބީ މެޗުތަކުގައި ފެންނަ ކަމެއް ނޫން މީ، އެޓީމަށް މެޗުގައި ލިވަޕޫލް ހިފަހައްޓަން އުނދަގޫތަކެއް ކުރިމަތިވި" ކްލޮޕް ބުންޏެވެ.

ރޭގެ މެޗުގައި ލިވަޕޫލުންވަނީ ތިރީސް ހަތް ހަމަލާއެއް އެވަޓަންގެ ގޯލަށް ފޮނުވާލާފައެވެ. ރޭގެ މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހަދިނީ ޑިވޮކް އޮރިގީ، މަމަދޫ ސަޚޯ، ޑެނިއެލް ސްޓަރިޖް އަދި ފިލިޕް ކުޓީނިއޯއެވެ. ރޭ ސްޓަރިޖް ޖެހި ގޯލަކީ އޭނާ ލިވަޕޫލްގެ ޖާރޒީގައި ޖެހި ފަންސާސްވަނަ ލަނޑެވެ. 

ރޭގެ މޮޅާއިއެކު ލިވަޕޫލްވަނީ އިނގިރޭސި ލީގު ތާވަލްގެ ހަތްވަނައަށް ޖެހިލާފައެވެ. އެވަޓަން އޮތީ ތާވަލްގެ އެގާރަވަނާގައެވެ.