ދިރާސީ އައު އަހަރު ފެށޭއިރު އޭލެވެލް ކިޔަވާދިނުމަށް ޚާއްސަ ކުރެވިފައިވާ ޓީޗަރުން ގައްދުއަށް ލިބޭނެ ކަމުގެ ޔަޤީންކަން ތަޢުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ދެއްވައިފިއެވެ. ވަޒީރު މިޔަޤީންކަން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ހުވަދުއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ކުރިން އެރަށަށް ވަޑައިގެންނެވި ކަމަށާއި، މިދަތުރުގައި ސްކޫލްތަކުގެ ޓީޗަރުންނާއި ބެލެނިވެރިންނާއި، ކައުންސިލާއި އަދި ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުން ހިމެނޭހެން ގިނަ ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ.
މިބައްދަލުވުންތަކުގައި ގައްދޫގެ ރައްޔިތުންގެ ވަރަށްގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވުނު ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގައްދޫގައި އަޅަން ވަޢުދުވެފައިވާ ހޮސްޕިޓަލްގެ އެޅިގެންދިއުމަކީ ގައްދޫގެ އެންމެހާ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. އަދި މިދިޔަ ސަރުކާރުން ގައްދޫގައި ގުރުއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވީ ނަމަވެސް މިއަދާ ހަމައަށް އައިއިރުވެސް އެކަށީގެންވާ މަސައްކަތެއް އެކަމަށް ކުރެވިފައި ނެތްކަންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުގެ ވާހަކައިގައިވަނީ ރައީސުލްޖުމްހޫރިއްޔާ ގައްދޫ ކައުންސިލާ ބައްދަލުކުރެއްވިއިރު، އެމަސައްކަތް ގައްދޫގައި ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ދެއްވާފައިިވާކަމަށާއި
އެއީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް ދިވެހި ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ގައްދޫއަށް އާރޯކަމާއި ތާޒާކަމާއި ތަރައްޤީގެ އައު ކުލަވަރެއް ރައީސުލްޖުމްހޫރިއްޔާ ގެންނަވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ތަޢުލީމާ ބެހޭ ވަޒީރު އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރީ ސަރުކާރު ނިމިގެންދިޔައިރު އެޑިއުކޭޝަން މިނިސްޓްރީގެ ތެރޭގައި 107 ޕްރޮޖެކްޓަކަށް 120 މިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި، ދަރަނި ނުދެއްކުމުގެ ސަބަބުން ޕްރޮޖެކްޓްތައް ހުއްޓިފައިވާ ކަމަށެވެ.
" ރައީސްގެ މަސައްކަތްޕުޅާ އިރުޝާދާއެކު މިހާރުވަނީ ކޮންޓްރެކްޓަރުންނަށް 50 މިލިއަން ރުފިޔާ ޕޭކޮށްފައި. އެއާއެކު އިތުރު 43 މިލިއަން ރުފިޔާ ދިނުމުގެ މަސައްކަތް މިހާރުދަނީ ހިނގަމުން. ޤަބޫލްކުރަނީ ގައްދޫގެ މަލްޓިޕާޕަސް ހޯލްވެސް އަދި އެހެން ރަށްރަށުގެ ހުއްޓިފައިވާ އެހެން ޕްރޮޖެކްޓްތައްވެސް އިރާދަކުރެއްވިއްޔާ ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ ދިނުމާއެކު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް". ތަޢުލީމާ ބެހޭ ވަޒީރު ޢިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ގައްދޫގައި އޭލެވެލްގެ ކްލާސްތަކަށް އެކަށީގެންވާ ޓީޗަރުންނާއި ވަސީލަތެއް ނެތް ކަމަށެވެ. އަދި އަލަށް އޭލެވެލް ފެށިއިރު އެކަމަށް ތައްޔާރުކޮށްފައިވާ ޓީޗަރުން ގައްދޫއަށް ފޮނުވާފައި ނުވާކަމަށެވެ. އެހެންނަމަވެސް ރައީސްގެ އިރުޝާދާ ލަފައާއެކު ދިރާސީ އައު އަހަރު ފެށޭއިރު އޭލެވެލްއަށް ކިޔަވާދިނުމަށް ޚާއްސަ ޓީޗަރުން ގައްދުއަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ. އަދި ގައްދޫގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ މަސައްކަތް ހަރުދަނާކޮށް ދަރިވަރުންނަކީ ރަނގަޅު ނަތީޖާ ލިބޭނެ ދަރިވަރުންގެ ގޮތުގައި ހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.