ޚަބަރު

ލ.އަތޮޅަށް ޚާއްސަ "ކައިވެނި މައްޗަށް" ހަރަކާތް ސަވާދީއްތަ ދަތުރުގެ ބައިވެރިންނަށް ދައްކާލައިފި


  • ލ. އަތޮޅު، ގަން، ފޮނަދޫ އަދި ބަރެސްދޫއަށް ޒިޔާރަތްކޮށްފައިވޭ

  • ސަޤާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވޭ

  • މިހާރު ދަތުރުކުރަމުންދަނީ ގއ.ކޮލަމާފުއްޓަށް

ސަވާދީއްތަ ދަތުރުގެ ބައިވެރިން ލ.އަތޮޅުގެ 3 ރަށަކަށް ޒިޔާރަތްކޮށްފިއެވެ.

10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާގޮތަށް، ސަވާދިއްތަ ދަތުރު ފެށީ މާލެއަތޮޅު ކުޑަގިރިން މިމަމުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑްގެ ޔޮޓްތަކެވެ. ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ. ފުލިދޫގައެވެ. އެއަށްފަހުވަނީ މ. މުއްޔަށް ޒިޔާރަތްކޮށްފައެވެ. މި ޔޮޓް ރެލީ ރާއްޖޭގެ ދެކުނުގެ 7 ރަށަކަށް ދަތުރުކުރާނެއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ލ.އަތޮޅުން އެންމެ ފުރަތަމަ ޒިޔާރަތްކޮށްފައިވަނީ ލ. ގަމަށެވެ. އެރަށުން ދަތުރުގެ ބައިވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތަޢުފީޤު މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. ގަމުންވަނީ އެއަތޮޅަށް ޚާއްސަ ކައިވެނި މައްޗަށް ހަރަކާތް ކުރިއަށްދާގޮތް ފަތުރުވެރިންނަށް ދައްކާލާފައެވެ. އަދި އެރަށުގެ ހިތްގައިމު ރީތިކަން ފަތުރުވެރިންނަށް ދައްކާލުމުގެ އިތުރަށް، ސަޤާފީ ބޮޑުބެރުގެ ހަރަކާތްތަކާއި ދަނޑިޖެހުމުގެ ހަރަކާތްތައްވަނީ ދައްކާލާފައެވެ.

ލ.ގަމުން ފުރައިގެން ސަވާދީއްތަ ދަތުރުގެ ބައިވެރިން ދެން މަޑުކުރީ ލ. ފޮނަދޫގައެވެ. ލ.ފޮނަދޫންވެސް ވަނީ ދިވެހި ލަވަތަކާއެކު ސަޤާފީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ރަށުގައި ހުރި ފާހަގަކޮށްލެވޭ ތަންތަނާއި، ރަށު ސްކޫލަށްވަނީ ޒިޔާރަތްކޮށްފައެވެ.

އެއަށްފަހު އެރަށުންވަނީ ފަތުރުވެރިންނަށް ދިވެހި ބޮޑު ކެއުމެއް ދީފައެވެ. މި ކެއުމަށް ފަތުރުވެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔައެވެ.

ފޮނަދޫއަށްފަހު ދެން ސަވާދީއްތަ ދަތުރުގެ ބައިވެރިން ދަތުރުކޮށްފައިވަނީ ލ. ބަރެސްދޫއަށެވެ. ފަޅުރަށެއް ކަމުގައިވާ ބަރެސްދޫގައި ފަތުރުވެރިންވަނީ މޫދަށް އެރިލާ، ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ބަރެސްދޫއިން ފުރައިގެން ސަވާދީއްތަ ދަތުރުގެ ބައިވެރިން މިހާރު ދަތުރުކުރަމުންދަނީ ގއ. ކޮލަމާފުއްޓަށެވެ. އަދި އެއަށްފަހު ގދ. ހޯނޑެއްދޫ، އަދި އައްޑޫ ސިޓީ ހިތަދޫއާއި ގަމަށްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރެލީއެވެ. މިއީ ޔޮޓް ރެލީއެއްގޮތަށް ބާއްވާ މި ދަތުރުގެ 3 ވަނަ އެޑިޝަނެވެ.

"ސަވާދީއްތަ ދަތުރު"ގެ 3 ވަނަ އެޑިޝަން ކުރިއަށްދާނީ މިމަހުގެ 29އާ ހަމައަށެވެ. މިފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއަށްވާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ.