ޚަބަރު

އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


  • ސްކޮލަރޝިޕަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް 30

  • ޖުމްލަ 3 ސްކޮލަރޝިޕަށް ހުށަހެޅުމަށް މިނިސްޓްރީން އިޢުލާންކޮށްފައިވޭ

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި 2025 ވަނަ އަހަރު ކިޔަވަން ފަށަން ބޭނުންވާ ފަރާތްތަކަށް، ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަންނަ އޭޕްރީލް މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށް ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އޮސްޓްރޭލިއަން ހައިކޮމިޝަނުން އަންގާފައިވާކަމަށެވެ.

މި ސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންނަށް ދެކޮޅު ޓިކެޓް، އެސްޓެބްލިޝްމެންޓް އެލަވަންސް، ޓިއުޝަން ފީ، އަދި ލިވިންގ އެލަވަންސްގެ އިތުރުން ހެލްތް އިންޝުއަރެންސްވެސް ސްކޮލަރޝިޕް ހަމަޖައްސާ ފަރާތުން އިންތިޒާމްކޮށްދޭނެއެވެ.

އޮސްޓްރޭލިއާގެ އެވޯޑްސް ސްކޮލަރޝިޕާއި އޮސްޓްރޭލިއާގެ އެޑިޔުކޭޝަން ސިސްޓަމަކީ ރާއްޖޭގެ ރައްޔިތުން ބަލައިގަންނަ އިތުބާރު ބޮޑު ސިސްޓަމެކެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި ތަފާތު ގިނަ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ޙާސިލްކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އޭގެ ތެރޭގައި ތަޢުލީމީ ދާއިރާ، ހޮސްޕިޓާލިޓީ ދާއިރާގެ އިތުރުން މެޑިސިންގެ ދާއިރާ ހިމެނެއެވެ.

މި ސްކޮލަރޝިޕްގެ ދަށުން އިޢުލާންކޮށްފައިވާ ކޯސްތަކަށް ކުރިމަތުލުމުގެ ޝަރުތުތަކާއި ކުރިމަތިލާން ބޭނުންވާ ދާއިރާއާއި ގުޅޭ އިތުރު މަޢުލޫމާތުތައް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގެ އިތުރުން ޕާކިސްތާނުގެ ކޮމްސެޓްސް ޔުނިވަރސިޓީ އިސްލާމްއާބާދުގެ ސްކޮލަރޝިޕް އަދި ދިޔަނެޓް ސްކޮލަރޝިޕަށް ހުށަހެޅުމުގެ ފުރުޞަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.