ޚަބަރު

ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން އިނގިރޭސި ވަލީއަޙުދު ގޮވައިލައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ވަޤުތުން ހުއްޓުމަކަށް ގެނައުމަށް އިނގިރޭސިވިލާތުގެ ވަލީއަޙުދު ވިލިޔަމް ގޮވައިލައްވައިފިއެވެ.

ސިޔާސީ ކަންކަމުގައި އިނގިރޭސި ޝާހީ ޢާއިލާގެ މެންބަރުން ބަސް ވިދާޅުވަނީ ވަރަށް މަދު ފަހަރަކުއެވެ. ނަމަވެސް, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޤާންމުތަކާ ދެކޮޅަށް ވަލީއަޙުދު ވިލިޔަމް ވަނީ އަޑު އުފުއްލަވާފައެވެ. ވިލިޔަމް ވިދާޅުވީ, ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލައްވާފައި ވަނީ ޣައްޒާގެ މުސްލިމުން ތަޙައްމުލު ކުރަމުންދާ ނިކަމެތި ހާލާއި, ޣައްޒާގައި "މާ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުކޮށްލާފައި ވުމުން" ކަމުގައެވެ. ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށާއި އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުން މިިނިވަން ކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.

"މެދުއިރުމަތީގައި ހިންގަމުންދާ [ލާއިންސާނީ] ޢުދުވާނާ ގުޅިގެން އިންސާނުންގެ ފުރާނައިން ދައްކަން ޖެހިފައިވާ އަގާ މެދު އަޅުގަނޑު ވަރަށް ބޮޑަށް ކަންބޮޑުވޭ. މާ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެއްޖެ [ޝަހީދުވެއްޖެ]،" ވިލިޔަމް ވިދާޅުވިއެވެ. 2018 ވަނަ އަހަރު އޭނާ ވަނީ ޔަހޫދީ ދަޢުލަތުގެ އިތުރުން ފަލަސްޠީނަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅަށް ފަހު, ފަލަސްޠީނާ ގުޅޭ ކަންކަން ވަލީއަޙުދު ވިލިޔަމް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމުގައި އިނގިރޭސި ޝާހީ ގަނޑުވަރު, ކެންސިންގޓަން ޕެލެހުން ބުންޏެވެ.

ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ކުށްވެރިކޮށް, ޢުދުވާންތައް ހުއްޓައިލަން ގޮވައިލައްވައި ބަޔާނެއް ނެރުއްވުމުގެ ކުރިން ވަލީއަޙުދު ވިލިޔަމް ވަނީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޭވިޑް ކެމަރަނަށް އެ ކަން އަންގަވައި ބަޔާން ޙިއްޞާ ކުރައްވާފައެވެ. 41 އަހަރުގެ ވިލިޔަމް ވަނީ ވެރިރަށް ލަންޑަނުގައި ހުންނަ ރެޑް ކްރޮސްގެ މައި އިދާރާއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. އަދި, ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ޖަމުޢިއްޔާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ސާފު ކުރައްވާފައެވެ.

"ތިޔަ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނެކޭ އެއްގޮތަށް, އަޅުގަނޑުގެ ވެސް އެދުމަކީ [ޔަހޫދީ ފައުޖުގެ ލާއިންސާނީ] ޢުދުވާންތައް ވީ އެންމެ އަވަހަކަށް ހުއްޓައިލުން. ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުން ތިބީ އިންސާނީ އެހީއަށް ބޭނުން ޖެހިފައި. ޣައްޒާއަށް އެހީ ވެއްދުން އަވަސް ކުރަން ޖެހޭ. އަދި, އަސީރުން ވެސް މިނިވަން ކުރަން ޖެހޭ،" ވަލީއަޙުދު ވިދާޅުވިއެވެ.

ޔަހޫދީންގެ ޢުދުވާންތައް ކުށްވެރި ކުރައްވައި ވިލިޔަމް ބަޔާނެއް ނެރުއްވާފައި ވަނީ ބައްޕާފުޅު, ރަސްގެފާނު ޗާލްސް (ތިންވަނަ) ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ޝާހީ މަސައްކަތްތަކުން ދުރަށް ޖެހިވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ. ރަސްގެފާނުގެ ބަދަލުގައި ވަލީއަޙުދު ވިލިޔަމް ގެންދަވަނީ ބައެއް ރަސްމީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޢުދުވާންތަކުގައި ރަސްގެފާނު ކުށްވެރި ކުރައްވާފައި ވަނީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސް ޖަމާޢަތެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީންގެ ރަށްތަކަށް ޙަމާސްގެ މުޖާހިދުން ދީފައިވާ ޙަމަލާތަކަކީ ނިރުބަވެރި ޙަމަލާތަކެއްގެ ގޮތުގައި ރަސްގެފާނު ވަނީ ސިފަކުރައްވާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,092އަށް އުފުލިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 69,028އަށް އަރައެވެ.