ޚަބަރު

މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ


  • މިއީ ބަންޑާރަ ނައިބު ހުށަހަޅުއްވާފައިވާ މައްސަލައެއް

  • ކޯޓަށް ހުށަހަޅުއްވާފައިވާ އަކުރުތައް މަޖިލީހުން މިހާރު ވަނީ އުވާލާފައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނުމާއި ގުޅޭގޮތުން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑު އެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހަޅާފައި ވަނީ ބަންޑާރަ ނައިބުގެ ފަރާތުންނެވެ.

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރަށެވެ.

ބަންޑާރަ ނައިބުގެ ފަރާތުން މައްސަލަ ހުށަހެޅީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި މަޖިލީހުން ހުސްވެފައިވާ އެއްވެސް އިންތިހާބީ ދާއިރާއެއް ނުގުނޭނެކަމަށް ބުނެ ޤަވާއިދަށް ގެނެސްފައިވާ ބާތިލުކުރުމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ގަވާއިދަށް މި އިސްލާހު ގެނައުމާއި ހަމައަށް މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނާފައިވަނީ ހުސްވެފައިވާ ގޮނޑިތައްވެސް ހިމަނައިގެން، މަޖިލީހަށް އިންތިހާބުކުރާ ޖުމްލަ މެމްބަރުންގެ އަދަދަށެވެ. މި އިސްލާހުތަކުގެ ސަބަބުން މަޖިލީހުގައި ނަގާ ވޯޓްތައް ފާސްކުރުމަށް ބޭނުންވާ އަދަދުތަކަށްވެސް ބަދަލު އަންނާނެއެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކާއި ގުޅިގެން ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތަށް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށެވެ. އަދި މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގެނައި އިޞްލާޙު ބާޠިލުކުރުމަށް އެ މައްސަލައިގައި އެދިފައިވެއެވެ.

ބަންޑާރަ ނައިބު ހުށަހެޅި މައްސަލައާ ގުޅިގެން މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގާ ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއްވެސް ނެރުއްވާފައެވެ.