ޚަބަރު

ފިޔޯރީގެ ތަރައްޤީއަށް ސަރުކާރުން މަސައްކަތްކޮށްދޭނެ: ރައީސް


  • ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަންޖެހޭކަން ކައުންސިލުން ފާހަގަކުރޭ

  • ދަނޑުތަކަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ބޭނުންވާކަން ކައުންސިލުން ވިދާޅުވި

  • ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެ

ގދ. ފިޔޯރީއަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހުވަދުއަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ފިޔޯރީއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގައި ކޯލްޑް ސްޓޯރޭޖް ފެސިލިޓީއަކާއެކު މަސް ފެކްޓްރީއެއް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލްގެ ޖާގައިގެ ދަތިކަމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރަންޖެހޭ ކަމާއި، ޞިއްޙީ ޚިދުމަތް ދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ މުހިންމުކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދަނޑުތަކަށް ރަނގަޅު ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މުހިންމުކަންވެސް ކައުންސިލްގެ ފަރާތުން ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އ.ތ.މ ކޮމިޓީން ވަނީ އެކޮމިޓީއަށް ކުރިމަތިވާ މާލީ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އެރަށަކަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމެއް އެގޮތަށް ފުރިހަމަ ކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލުން ހުށަހެޅުއްވި ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.