ކުޅިވަރު

މެންޔޫއަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދޭނަން - ވެން ޚާލް


ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަށް ކުޅުންތެރިން ދަނޑުމަތީގައި ކުރާ މަސައްކަތައް ތަޢުރީފް ހައްގުކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗް ލުއީ ވެން ޚާލް ބުނެފިއެވެ. 

ޕްރިމިއަރ ލީގުގައި ރޭ ކްރިސްޓަލް ޕެލަސް އަތުން ދޭއް ސުމަކުން މޮޅުވި މެޗަށްފަހު ވެންޚާލް ބުނީ ޓީމްގެ ފަރާތުން މިހާރު ފެންނަ ކުޅުމާއި މެދު ހިތްހަމަ ޖެހޭކަމަށާއި، ޗެމްޕިއަންސް ލީގުގެ ޖާގައެއް ޔުނައިޓެޑުން ހޯދާނެކަމަށެވެ. 

މި ސީޒަންގެ ކުރީކޮޅު ޔުނައިޓެޑުން ހޯދި ނަތީޖާތަކުގެ ސަބަބުން ސަޕޯޓަރުންނާއި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ވެން ޚާލް ބުނީ އޭރުވެސް ސަޕޯޓަރުން ކައިރީގައި ކެތްތެރިވާން އެދުނީ އޭނާގެ ޓީމަށް އިތުބާރުކޮށްފައިކަމަށާއި، ހުރިހާ ކުޅުންތެރިން މިހާރު ޓީމެއްގެ ގޮތުގައި ދައްކާ ކުޅުމުން ސަޕޯޓަރުން ހިތް އުފާވާނެކަމަށެވެ. 

"ސީޒަންގެ ކުރީކޮޅު އަހަރެން ބުނިން ސަޕޯޓަރުން ކައިރީގައި ކެތްތެރިވާން، ޓީމްގެ ކުޅުން މިހާރު ރަނގަޅުވާނެ، ސަޕޯޓަރުން ހިތް އެދޭނެކަހަލަ މެޗުތަކެއް ފަހަކަށް އައިސް ފެނިގެން މިދަނީ" ވެން ޚާލް ބުންޏެވެ.

ވެންޚާލް ވަނީ ރޭގެ މެޗުގައި ދެވަނަ ގޯލް ޖެހި ޑިފެންޑަރ މަތިއޯ ޑާމިއަންއަށްވެސް ތަޢުރީފްކޮށްފައެވެެ. ވެންޚާލް ބުނީ ޑިފެންޑަރަކަށްވެފައި އޭނާގެ ގޯލް ޖެހުމުގެ ހުނަރު ތަފާތު މޮޅުކަމަށާއި، އެކަހަލަ ކުޅުންތެރިން ވަރަށް މަދުވާނެކަމަށެވެ. 

ރޭ ކްރިސްޓަލް ޕެލަސް އަތުން މެންޗެސްޓާރ ޔުނައިޓެޑް މޮޅުވި މެޗުގައި އެޓީމްގެ ދެވަނަ ލަނޑު ޑާމިއަން ޖަހައިދިންއިރު، ފުރަތަމަ ލަނޑަކީ ޕެލަސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.