ޚަބަރު

ޔަހޫދީންނާ ދެކޮޅު ޤަރާރެއް ހުށަހެޅުމުން އެމެރިކާއަށް ހާސްކަން


ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް މެދުކަނޑައިލަން ގޮވައިލާ އައު ޤަރާރަކަށް އދގެ ސަލާމަތީ މަޖިލީހުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ވީޓޯގެ ބާރު ބޭނުންކޮށް އެމެރިކާއިން އެ ޤަރާރު ފޭލު ކޮށްލާނެ ކަމުގެ އިޝާރާތެއް ދީފިއެވެ. ޔަހޫދީންނާ ދެކޮޅަށް ސަލާމަތީ މަޖިލީހަށް އައު ޤަރާރެއް ހުށަހަޅާފައި ވަނީ އަލްޖީރިޔާއިންނެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހުށަހަޅާފައިވާ ޤަރާރަށް ސަލާމަތީ މަޖިލީހުގައި ފެބުރުވަރީ 20 ވަނަ ދުވަހު ވޯޓަށް އަހާނެ ކަމަށް ބެލެވެއެވެ. އަންގާރަ ދުވަހު ޤަރާރަށް ވޯޓަށް އެހުމަށް އެދި އަލްޖީރިޔާއިން ވަނީ ހުށަހަޅާފައެވެ. ނަމަވެސް, ކުރިއެކޭ އެއްގޮތަށް, އެމެރިކާއިން މި ފަހަރުގެ ޤަރާރަށް ވެސް ހުރަސް އަޅާނެއެވެ. ޔަހޫދީންނާ ދެކޮޅަށް ހުށަހަޅާ ހުރިހާ ޤަރާރަކަށް އެމެރިކާއިން ދަނީ ހުރަސް އަޅަމުންނެވެ.

އަލްޖީރިޔާގެ ޤަރާރާ ގުޅޭ ގޮތުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވީ, ޔަހޫދީ ފައުޖާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން މިހާރު ކުރަމުންދާ މަޝްވަރާތަކަށް ޤަރާރުގެ ސަބަބުން ހުރަސް އެޅޭނެ ކަމުގައެވެ. އަދި, ޤަރާރު ފާސްކޮށްފި ނަމަ, އެ މަޝްވަރާތަކަށް ނިމުމެއް އަންނާނެ ކަމުގައެވެ.

އަލްޖީރިޔާގެ ޤަރާރު ފާސްވާނީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން ނުވަ މެންބަރުންގެ ތާޢީދު ލިބިއްޖެ ނަމައެވެ. އަދި, އެ މަޖިލީހުގެ ފަސް ދާއިމީ މެންބަރުންގެ ތެރެއިން ޤައުމަކުން ވީޓޯ ނުކޮށްފި ނަމައެވެ. ނަމަވެސް, މި ޤަރާރު ވީޓޯކޮށް ފޭލު ކޮށްލާނެ ކަމުގައި އެމެރިކާއިން މި ވަނީ ބުނެފައެވެ.

"މި ޤަރާރަށް އެމެރިކާގެ ތާޢީދެއް ނެތް. ޤަރާރަށް ވޯޓަށް އަހައިފި ނަމަ, ފާހެއް ނުވާނެ،" ތޮމަސް-ގްރީންފީލްޑް ވިދާޅުވިއެވެ. ޔަހޫދީންގެ ޢުދުވާންތަކަށް ނިމުމެއް ގެނައުމަށް ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ދެ ޤަރާރެއް އެމެރިކާއިން ވަނީ ވީޓޯކޮށް ބޭރު ކޮށްލާފައެވެ. ޔަހޫދީން ހިމާޔަތް ކުރަން އެމެރިކާއިން ދަނީ ތެޅިފޮޅެމުންނެވެ.

ޔަހޫދީންގެ މަސްލަޙަތު ރައްކާތެރި ކޮށްދޭން އެމެރިކާއިން ހޭބޯނާރައި ހޭބޯނާރައި އުޅެމުންދާއިރު, އޮކްޓޫބަރު 7 ވަނަ ފަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 28,985 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,883 އަށް އަރައެވެ.