ޚަބަރު

ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާއަށް އެކަށީގެންވާ ވަގުތު ދޭންޖެހޭ: އާދަމް ޝަރީފް


  • ރައީސް ފައްޓަވާފައިވާ މަޝްރޫއުތަކަކީ ރާާއްޖޭގެ އާމްދަނީއާ އަޅާބަލާއިރު ބޮޑެތި މަޝްރޫއުތައް

  • އެފަދަ މަޝްރޫއުތައް ހިންގަން ދުވަސް ނަގާނެ

  • ގާބިލު ވެރިއަކަށް 10 އަހަރު ދޭން ފަސްޖެހެންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވި

ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށާއި، ޒަމާނާ އެކަށޭނެ ރަނގަޅު ބަދަލުތަކެއް ގެންނަން ބޭނުންވާނަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެކަށީގެންވާ މުއްދަތުވެސް ދޭން ޖެހޭނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރު ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ސިޓީ މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނާއެކު ބޭއްވި ޖަލްސާގައި އާދަމް ޝަރީފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވުރުގައި ހިމެނޭ މަޝްރޫއުތަކަކީ ރާއްޖެއަށް މިހާރު ލިބޭ އާމްދަނީއާ އަޅާބަލާއިރު ވަރަށް ބޮޑެތި މަޝްރޫއުތަކެއް ކަމަށެވެ. އަދި އެފަދަ މަޝްރޫއުތައް އެއްފަހަރާ ނުފެށޭނެކަން ގަބޫލުކުރަން ޖެހޭނެ ކަމަށާއި މިހާރު ފައްޓަވާފައިވާ މަޝްރޫއުތައްވެސް އެއް ދައުރެއްގެ ތެރޭގައި ނުނިމޭނެކަން ރައްޔިތުން ގަބޫލުކުރަން ޖޭހެނެކަމަށްބެސް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ގާބިލު ވެރިޔަަކަށް ރިޔާސީ ދެ ދައުރު ދޭންވެސް ރައްޔިތުން ފަސްޖެހެން ނުޖެހޭކަމަށާއި، ރައީސް މުޢިއްޒުއަކީ އެފަދަ ވެރިއެއްކަމަށެވެ.

"ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަން ޖެހޭ މި ރާއްޖޭގައި މިއޮތް ނިޒާމަށް ބަލާއިރު ތިން ހަތަރު އަހަރަކުން ވެރިއަކު ބަދަލުވުމުން ބޭނުންވާ ކުރިއެރުމެއް ގެނެވޭތަނެއް ނުފެނޭ. ނާގާބިލު މީހަކު ވެރިކަމުގައި ހުރިކަމަށްވެއްޖެއްޔާ ތިން އަހަރުވެސް މަދު، ވެރިކަން ބަދަލު ކުރަންވީ. އެހެންނަމަވެސް ގާބިލު ބޭފުޅަކު ހުންނަވައިފި ކަމަށްވެއްޖެއްޔާ 10 އަހަރު ދޭން ވެސް ޖެހިލުންވާންވީ ފުރުސަތެއް ނެތް،" އާދަމް ޝަރީފު ވިދާޅުވިއެވެ.

އާދަމް ޝަރީފު ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމް އެންމެ ވަރުގަދައަށް ހިންގަވައި، ރައްޔިތުންނަށް ބާރުތައް އެއްކޮށް ދޫކޮށްލައްވައި، ކައުންސިލްތަކަށް ފުރިހަމަ އިހުތިޔާރު ދެއްވާފައި ވަނީ ރައީސް މުޢިއްޒުކަން އައްޑޫ ސިޓީގެ މޭޔަރުވެސް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވާ މަސައްކަތްޕުޅުތައް ފެނި އިދިކޮޅު ޕާޓީތަކުގެ ބޭފުޅުންވެސް އެވާހަކަތައް ދައްކަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފުގެ ވާހަކަފުޅުގައި ވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން މުހިންމުކަން ފާހަގަކުރައްވައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ސަރުކާރުގެ ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދުކުރެއްވުމަށްވެސް އެދިވަޑައިގެންފައެވެ.