ޚަބަރު

ނިމިދިޔަ ސަރުކާރުން ލޯނު ނަގައިގެން ހިންގި މަޝްރޫޢަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް: ރައީސް


  • ސަރުކާރު ހަވާލުވިއިރު ޤައުމު އޮތީ އިޤްތިޞާދީ އަނދަވަޅެއްގައި

  • އިޤްތިޞާދު ކުރިއަރުވަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރެއްވި

  • ނިމިދިޔަ ސަރުކާރުން ގެންގުޅުނު އުސޫލުތަކުން ޤައުމަށް ލިބުނީ ގެއްލުން

މިދިޔަ 5 އަހަރު ލޯނު ނަގައިގެން އޭރު އޮތް ސަރުކާރުން ހިންގި މަޝްރޫޢަކުން ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އާއި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ ނިމިދިޔަ ސަރުކާރުގައި ލޯނުތައް ނަގައިގެން މަސައްކަތްކުރުމުގައި ގެންގުނު ސިޔާސަތުގައި ހުރި މައްސަލަތައް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އައްޑޫ ސިޓީއަށް ބޭނުންވާ ތަރައްޤީގެ ހުރިހާ މަޝްރޫޢަކަށްވެސް އިސްކަންދެއްވާނެކަމަށާއި، ނަމަވެސް އެކަންކަން ކުރިއަށްގެންދާނެ ގޮތުގެ ތަރުތީބެއް ކަނޑައަޅަންޖެހޭކަމަށެވެ. އަދި މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ތަރުތީބެއް ކަނޑައަޅަންޖެހެނީ ޤައުމު ވައްޓާލާފައި އޮތް އިޤްތިޞާދީ އަނދަވަޅުގެ ސަބަބުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ވެރިކަން ފޭބިއިރު މީގެކުރިން ޤައުމު ދަރާފައި ނުވާވަރަށް ޤައުމު ދަރާފައިވާކަމަށެވެ.

"ނަމަވެސް އޭރު އެކަންކަން ކުރި ސަރުކާރުގެ ބޭފުޅުން އެއީ ނުވާކަމެއް ހަދަންކުރާ މަސައްކަތާމެދު ހައިރާންވޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް ލޯނު ނެގުމަކީ މައްސަލައެއް ނޫންކަމަށެވެ. އެގޮތުން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ބްރިޖު މަޝްރޫޢު ހިންގިއިރު، އެ މަޟްރޫޢުގެ ސަބަބުން އެތައް ރައްޔިތުންނަކަށް ފައިދާ ލިބުނުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނެގި ލޯނުތަކުން ކުރިއަށްގެންދާ މަޝްރޫޢުތަކުން ރައްޔިތުންނަށް ލިބޭ ފައިދާ ވަރަށް ކުޑަކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް އެ މަޝްރޫޢުތަކުން ލިބުނު ކުރިއެރުމެއް ނެތްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން ލޯނު ނަގާނީ ރައްޔިތުންނަށް ކުރިއެރުމާއި ލާބައާއި މަންފާ ލިބޭނެ ގޮތަށްކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެކަންކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކޮށް، ސަރުކާރަށް ތައުރީފް ކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.